މަންތާ އެއަރ އަށް އުދުހުމުގެ ހުއްދަ ދީފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދުނެރުނު ބަޔާނުގައި ވަނީ މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް( މަންތާ އެއަރ ) އަށް އެއާލައިން ހިންގުމުގެ ހުއްދަ ދިންކަން އާންމުކޮށް އަނގާ އިއުލާން ކޮށްފައެވެ.
މަންތާގެ އުދުހުން ތަކުގައި ބޭނުން ކުރުމަށް އެ އެއާލައިންގެ ދެ މަތިންދާބޯޑު ނިމިގެންދިޔަ 2018 ވަނަ އަހަރުތެރޭ ރާއްޖެ ގެނެސްފައި ވާއިރު މަންތާގެ އުދުހުންތައް ފެބްރުއަރީ 24 ވާ އާދިއްތަ ދުވަހު ފެށާނެ ކަމަށް ވެސް އޭވިއޭޝަން އޮތޯރިޓީގެ ބަޔާނުގައިވެއެވެ.
މަންތާ އެއަރ މިވަގުތު އޮޕަރޭޓް ކުރަން ރާވާފައިވަނީ ދާލު އެއަރ ޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓާއި ދެމެދުއެވެ.
އެތެރޭގެ އުދުހުންތަކަށް މަންތާ އިން 3 މަތިންދާ ބޯޓު ރާއްޖެ ގެންނަން ހަމަޖެހިފައި ވާއިރު މި އަހަރުގެ ކުރީ ކޮޅު ތިން ވަނަ މަތިންދާ ބޯޓު ރާއްޖެ ގެންނާނެ ކަމަށް އެ އެއަރއިން ބުނެއެވެ.
މަންތާގެ އުދުހުންތަކުގައި ބޭނުން ކުރާނީ އޭޓީއާރު 600-72 މަރުކާގެ މަތިން ދާބޯޓެވެ. މި ބޯޓު ތަކަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓު ތަކެކެވެ.
މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ދަތުރު މާލެއިން ކުޑަހުވަދޫ އަށް ފަށަން ނިންމާފައިވާ ކަމަށާއި އެއަށް ފަހު ދެން ދަތުރުތައް ފަށާނީ ދަރަވަންދޫ އަދި ތިމަރަފުއްޓަށް ކަމަށެވެ.
ހަލީލް އިތުރަށް ވިދާޅުވީ މަންތާ އެއާގެ ޝެޑިއުލްތައް ރާވަން ނިންމާފައި ވަނީ ކޮންމެ ހަ މަހަކުން ކަމަށާއި އެކަމުގެ ސަބަބުން ބުކިންގް ހަދާ ފަސިންޖަރުންނަށް ވަރަށް ބޮޑަށް ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.
މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ތިންވަނަ އެއާލައިން އެވެ. މިވަގުތު އެތެރޭގެ އުދުހުންތަކުގައި މަންތާގެ އިތުރުން ޤައުމީ އެއާރލައިން މޯލްޑިވިއަން އަދި ފްލައިމީ ހަރަކާތްތެރިވެ އެވެ.
މަންތާ ސީޕްލޭން ދަތުރުތައް އަންނަ މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިދިޔަ އަހަރުތެރޭ ބުނެފައި ވެއެވެ.