ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 13:57
މައުރޯ އިކާޑީ
މައުރޯ އިކާޑީ
ގެޓީ އިމޭޖަސް
މައުރޯ އިކާޑީ
ރެއާލް، ޗެލްސީ، ޔުވަންޓަސް އަދި ނަޕޯލީން އިކާޑީ ހޯދަން މަސައްކަތް ކުރަނީ
އިކާޑީގެ އެއްބަސްވުން ހަމަވާނީ 2021 ގައި

ރެއާލް މެޑްރިޑް، ޗެލްސީ، ޔުވަންޓަސް އަދި ނަޕޯލީން އިންޓަ މިލާނަށް ކުޅެމުން އަންނަ މައުރޯ އިކާޑީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ޓްރާންސްފާ ބާޒާރުގައި އެންމެ ގިނަ ކްލަބްތައް ހޯދަން މަސައްކަތް ކުރާނެ އެއް ކުޅުންތެރިޔަކީ އިކާޑީއެވެ. އެގޮތުން މިހާރުވެސް ރެއާލް، ޗެލްސީ، ޔުވަންޓަސް އަދި ނަޕޯލީންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން އިކާޑީ ވަނީ ދާދި ފަހުން އެއްބަސްވުން އާކުރުމާ ގުޅޭގޮތުން އިންޓައާ މަޝްވަރާކޮށްފައެވެ. އޭނާ އިންޓައާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

އުމުރުން 25 އަހަރުގެ އިކާޑީގެ ރިލީޒް ފީއަކަށް 110 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރެއާލްއެވެ. އެގޮތުން އެ ކްލަބުން ވަނީ އޭނާއަށް އެތައް ފަހަރެއްގެ މަތިން ބިޑުވެސްކޮށްފައެވެ.

އިކާޑީގެ ޓްރާންސްފާއާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ދާދި ފަހުން އޭނާގެ އެޖެންޓް އަދި އަނބިމިހާ ކުރި ޓުވީޓެއްގައި ބުނީ، އިކާޑީގެ އެއްބަސްވުމުގެ ގަނޑުތައް ކިޔާފައިވާ ކަމަށެވެ. އަދި އިޓަލީ ބަހުން ކޮށްފައިވާ މި ޓުވީޓުގައި އޭނާ ވަނީ އިކާޑީ ޓެގު ވެސް ކޮށްފައެވެ.

އިންޓަގެ އެއްބަސްވުން އިކާޑީ އާކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް މިދިޔަ އަހަރު ކުރީކޮޅު ނާރާ ވަނީ ބުނެފައެވެ. އޭރު އޭނާ ބުނީ، އިކާޑީ ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި އިންޓަ ހިމެނުން ކަމަށެވެ.

ސަމްޕްޑޯރިއާއިން ސީނިއާ ކެރިޔަރު ފެށި އިކާޑީ އިންޓައާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅުނު 2010 މެޗުގައި 122 ލަނޑު ކާމިޔާބުކޮށްފައެވެ.
އިކާޑީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް 8 މެޗު ކުޅެފައެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އިކާޑީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް