ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:32
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ފަހުވަގުތު ޝާލްކޭ އަތުން ސިޓީ މޮޅުވެއްޖެ
 
ޝާލްކޭ އަތުން ސިޓީ މޮޅުވީ 2-3 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު ޝާލްކޭ އަތުން މެންޗެސްޓާ ސިޓީ މޮޅުވެ، ކުއާޓާގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޝާލްކޭއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ޝާލްކޭ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން އެ ޓީމުން ވަނީ ޝާލްކޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑޭވިޑް ސިލްވާގެ އެހީތެރިކަމާ އެކު ސާޖިއޯ އަގުއެރޯއެވެ. މިއީ އެންމެ ފަހުން އަގުއެރޯ ކުޅުނު ހަތް މެޗުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ނަމަވެސް ޝާލްކޭއިން ވަނީ 38 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބެންޓަލެބްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޝާލްކޭ އިން ވަނީ ފަހަތުން އަރާ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބެންޓްލެބްއެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ޝާލްކޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުން ވަނީ ގިނަ ހަމަލާތައް އުފައްދާފައެވެ.

ނަމަވެސް ސިޓީގެ އޮޓަމެންޑީއަށް 68 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް އެޓީމުން ވަނީ މެޗުން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތް ބުރަކޮށް ކުރަމުންނެވެ.

އެގޮތުން 87 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. މެޗުގެ ފަހު މިނެޓުތަކުގެ ތެރޭގައި ރަހީމް ސްޓާލިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސިޓީ މޮޅުކޮށްދީފައެވެ.

ސިޓީ އާއި ޝާލްކޭ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނާނީ ސިޓީ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް