Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 22:26
\'\'މަސްވެރިޔާ ކާޑު\'\' ތައާރަފް ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަަނީ
''މަސްވެރިޔާ ކާޑު'' ތައާރަފް ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ރައީސް ސޯލިހު
މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ރައީސް ސޯލިހު ވިދާޅުވި
މަސްވެރިކަން މިއަދުވެސް އަންނަނީ ދިވެހީންގެ ފުރާނަޔާ އެކުގައި ދިރެމުން ކަަމަށް ރައީސް ސޯލިހު ވިދާޅުވި

މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

''މަސްވެރިޔާ ކާޑު'' އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.  އަދި ޒަމާނީ ޓެކްނޮލޮޖީ އާއި އިޤްތިޞާދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު މަސްވެރިކަން އައު ޖީލަކަށް ގެންގޮސްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

''ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. އެކަމުގައި ހުރިހާ މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ޞިނާޢަތަކީ އެއް ޢާއިލާއެއް ކަމަށާއި، ސަރުކާރާއި މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކަކީ ވެސް މި ޞިނާޢަތް ކުރިއަރުވައި ތަރައްގީ ކުރުމުގެ ބައިވެރިންނަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.  

އެގޮތުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށް ދިނުންވެސް ހިމެނޭ ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.

 ''ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ އޭރުން. އަޅުގަނޑުމެންގެ އަމާޒަކީ، ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަންޏެއް ނޫން. ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން '' ރައީސް ސޯލިހު ވިދާޅުވިއެވެ.

ދިވެހީންނަކީ އެންމެ އިހުއްސުރެ މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި މަސްވެރިން އުޅޭ މަސްވެރި ޤައުމެއް ކަމަށާއި، ޒަމާނީ ބަދަލުތަކާ އެކު އިހުގެ ކިތަންމެ ކަމެއް ނެތި ގޮސް އައު ކަންތައް ތަކެއްމަސްވެރިކަމުގެ ތެރެއަށް ވަދެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދިވެހި މަސްވެރިކަން މިއަދުވެސް އަންނަނީ ދިވެހީންގެ ފުރާނަޔާ އެކުގައި ދިރެމުން އާލާވަމުން ކަން ރައީސް ސޯލިހު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް