Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 18:34
އިބްރާހިމް ސިމާދު: - އަލުން އަނބުރާ އޭނާއަށް ވަޒީފާދޭން ވަނީ އަންގާފައި
އިބްރާހިމް ސިމާދު: - އަލުން އަނބުރާ އޭނާއަށް ވަޒީފާދޭން ވަނީ އަންގާފައި
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
ވަޒީފާއިން ވަކި ކުރީ އަދުލުވެރިކަމާ އެކު ނޫން ކަމަށް ސަރުކާރުން އެއްބަސްވި

މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ސިމާދަށް އަނބުރާ ވަޒިފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.  

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ސިމާދު ވަޒީފާ އަނބުރާ ދިނުމުގެ އިތުރުން އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން މިހާތަނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 212,210.36 (ދެ ލައްކަ ބާރަހާސް ދުއިސައްތަ ދިހަ ރުފިޔާ ތިރީސް ހަ ލާރި) ދިނުމަށް ވެސް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. އެ ފައިސާ ދޭން އަންގާފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ ވަރަށް ވުރެ މަދު ނޫން އަދަކަކަށް ދައްކައިގެންނެވެ. އަދި އެހެންމެ ވަޒީފާ އިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކުރި ދުވަހާ ހަމައަށް ފާއިތުވި ދުވަސްތަކަކީ ވެސް ހިދުމަތުގެ މުއްދަތު ކަމަށް ބަލައި އެ މުއްދަތުގެ ތެރޭގައި މަގާމުގެ ކުރިއެރުމެއް ލިބެން ޖެހޭތޯ ބަލައި އެ ކުރިއެރުމެއް ވެސް ދިނުމަށް ކޯޓުން ވަނީ އަންގާފައެވެ.    

ސިމާދު ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި މާނަކުރުމުގެ ގާނޫނުގެ 21 އަދި 25 މާއްދާ ހިލާފަށް ކަމަށެވެ. އޭނާ ވަޒީފާއިން ވަކި ކުރީ ސިފައިންގެ އާންމު ގަވައިދާއި، ސިފައިންގެ އަހްލާގާއި ސުލޫކާ ހިލާފުވެފައިވާތީ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމުގެ ގަވައިދާ ހިލާފަށް ކަމަށް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ވެސް އޭނާއާ މެދު އަމަލުކޮށްފައި ވަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮވެނެންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް މުއާހަދާގެ ދަށުން އިންސާފުވެރި ނިންމުމެއް ލިބުމުގެ ހައްގާ ގުޅޭ އުސޫލާ ހިލާފަށް ކަން ކޯޓުގައި ބުނެފައި ވެއެވެ. އަދި މަގާމު ދަށްކުރުމުގެ ކުރިން ހުރި ސްޓާފް ސާޖަންޓްގެ މަގާމު އަލުން ދިނުމަށާއި ފާއިތުވި ދުވަސްތަކަށްވާ މުސާރަ އާއި އިނާޔަތްދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.  

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ސިމާދުގެ ފަރާތުން ފާހަގަ ކުރި އެ ކަންކަމަށް މައްސަލަ ރައްދުވާ ޑިފެންސް މިނިސްޓްރީން އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ސިމާދު އަދާކުރަމުންދިޔަ ވަޒީފާ ދަށްކޮށް ވަޒީފާއިން ވަކިކުރުމުގައި މައުޟޫލީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން އެންމެ ފުރިހަމަ ކޮށްފައިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން ވެސް ކޯޓުގައި ބުނެފައިވާ ކަމަށެވެ.    

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށް ސިމާދު އިތުރުން އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ވަޒީފާއިން ވަކިކުރީ ފެބްރުއަރީ 6، 2018 ގައެވެ. އެ ތިން މީހުން ވެސް ވަޒީފާ އަނބުރާ ހޯދުމަށް ސިވިލް ކޯޓަށް ހުށައެޅިއެވެ. ނަމަވެސް ޝާނީޒް އާއި ފައްތާހްގެ މައްސަލައިގައި އަދި ހުކުމެއް ނުކުރެއެވެ.

ސިމާދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީ ގާޑެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި ވަޒީފާ ގެއްލިފައިވާ ދުވަސްވަރު ސިމާދު އާއި ޝާނީޒް އަދި ފައްތާހް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަސައްކަތްކުރީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމިއްލަ ބޮޑީގާޑުންގެ ގޮތުގައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ފެބްރުއަރީ 2019 | ބުދަ 11:39
July
REethi meeheh