Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 14:27
ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް
ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް
މުހައްމަދު ޝަރުހާން
ފެންކުންފުނީި
ފެންކުންފުނީގެ ޗެއާމަން މައުސޫމް ވެސް ގޭގައި މަޑުކުރަން އަންގައިފި
މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވޭ

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާ ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މައުސޫމް ގޭގައި މަޑުކުރަން ރައީސް ސޯލިހު އެންގެވީ ބުދަ ދުވަހު ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. 

ސީޖީޓީއަކީ މައުސޫމް އާއި މއ. ޝޭޑީ ކެބިން ޢަބްދުﷲ ރާފިޢު ޙިއްސާ ވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. އޭގެ އިތުރުން އެ ކުންފުނީގައި ހިއްސާ އޮންނަނީ އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ.

އެމްއެމްޕީއާރުސީއަށް އަށް ލިބެންޖެހޭ 4.9 މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ސީޖީޓީގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޢަބްދުالله ރާފިޢުގެ އެކައުންޓަށް ޖަމާކުރި އައްލައްކަ ޑޮލަރާ އެކު ޖުމްލަ 5.8 މިލިއަން ޑޮލަރު ސ.ޖ.ޓ ޕްރައިވެޓް ލިމިޓެޑުން ބޭނުންކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވެއެވެ.  

"އެ ފައިސާގެ ބަދަލުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއަށް ނުވަތަ އެމްއެމްޕީއާރުސީ އަށް އެއްވެސް ފައިސާއެއް ސ.ޖ.ޓ ޕްރައިވެޓް ލިމިޓެޑުން ނުވަތަ ޢަބްދުﷲ ރާފިޢު ދެއްކި ކަމެއް އެނގޭކަށް ނެތް" ކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން އެމްސީ މޯލްޑިވްސް ކުންފުންޏަށް 328،052 ޑޮލަރު ޖަމާކޮށްފައި ކަމަށް ރިޕޯޓުގައިވެއެވެ. ހަމަ އެ ދުވަހު، އެ ފައިސާ، އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އޮމްނިއާ ސްޓެރެޓެޖީ އަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ. އޮމްނިޔާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މޫނުމަތި ރީތިކުރަން ދިވެހި ސަރުކާރުން ހަވާލުކުރި އިނގިރޭސި ވިލާތުގެ ކުންފުޏެކެވެ. އޭރު ދިވެހި ސަރުކާރުން އެ ކުންފުނި ހަޔާކުރީ އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ސަރުކާރު ދިފާއުކުރުމަށާއި ރާއްޖޭގެ ގާނޫނީ ފްރޭމްފޯމް ހަރުދަނާކުރުމަށް ކަމަށް ބުނެއެވެ. އެއީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ކުންފުންޏެކެވެ. އެ ފައިސާ ދެއްކީ އެސްއޯއެފްގެ ހިއްސާ އޮތް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް އިން އޭރު ބުނެފައިވެއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފައިސާ ދެއްކީ ދިވެހި ސަރުކާރުން ކަމަށެވެ. 

މއ. ޝޭޑީ ކޭބިން، ޢަބްދުالله ރާފިޢުއަކީ ކުރީގެ ނައިބު ރައީސްއަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ އަނބިކަނބަލުން ފާޠިމަތު ލިޔުޝާގެ ބައްޕަފަރާތު ބޮޑުބޭބެއެކެވެ. ޢަބްދުالله ރާފިޢު ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އޭނާގެ އަމިއްލަ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޖުމްލަ 1.6 މިލިއަން އެމެރިލާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް