Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 08:17
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރްސީގެ ހިޔާނާތް
އެސް.އޯ.އެފްއިން ޑޮލަރު ލިބުނު އެންމެން ޚިޔާނާތުގައި ބައިވެރިއޭ ނުބުނަން: އޭސީސީ
155 ފަރާތަކަށް ޖުމްލަ 6.1 މިލިއަން ޑޮލަރާއި 125 ޑޮލަރާއި ދެމެދުގެ އަދަދުތަކުން ފައިސާ ފޮނުވާފައިވޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންއަށް ލިބެންޖެހޭ ފައިސާ ޚިޔާނާތުގެ ތެރެއިން އެންމެ ގިނައިން ހޯދާފައިވާ އެސް.އޯ.އެފް ކުންފުނިން ޑޮލަރު ލިބިފައިވާ އެންމެންނަކީ އެ ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ކަމަށް ކަނޑައަޅާފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓާއި ގުޅިގެން ދެކެވެމުންދާ އެކި ވާހަކަތަކާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސް.އޯ.އެފް ކުންފުނީގެ އެކައުންޓުން ޑޮލަރ ޓްރާންސްފަރ ކޮށްފައިވާ ހުރިހާ ފަރާތްތަކަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް އެ ކޮމިޝަނުން ތަޙުޤީޤު ރިޕޯޓްގައި ފާހަގަކޮށްފައި ނުވާނެ ކަމަށެވެ.

އޭސީސީން ބުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ ތަންތަން ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާ ނުކޮށް، އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކާއި، އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކާއި، އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާކޮށް، އެ އެކައުންތްތަކުން އެ ފައިސާތައް އެކި ފަރާތްތަކަށް ފޮނުވާފައިވާ މައްސަލައަކީ، ވަކި މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާގުޅިގެން ތަޙުޤީޤު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑުބައެއް އެސް.އޯ.އެފްގެ އެކައުންޓްތަކަށް ޖަމާކުރުމަށްފަހު 155 ފަރާތެއްގެ އެކައުންޓްތަކަށް އެ ކުންފުނިން ޓްރާންސްފަރ ކޮށްފައިވާއިރު، އެ ފަރާތްތަކަކީ އެ ކުންފުނިން ކޮން ގޮތަކުން ފައިސާ ދޭންޖެހޭ ފަރާތްތަކެއްތޯ އާއި، އަދި އެ ފަރާތްތަކުގެ އެކައުންޓްތަކަށް އެ ފައިސާ ޖަމާކޮށްފައިވަނީ ކީއްވެގެންކަން އެ ތަހުޤީޤުގައި އިތުރަށް ބެލިގެންދާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން އާންމުކުރި ރިޕޯޓްގައި ވާގޮތުން ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭގޮތަށް 155 ފަރާތަކަށް އެސް.އޯ.އެފްއިން ޑޮލަރު ފޮނުވާފައިވާއިރު، އެފަރާތްތަކަށް ޑޮލަރު ފޮނުވާފައިވަނީ ޖުމްލަ 6.1 މިލިއަން ޑޮލަރާއި 125 ޑޮލަރާއި ދެމެދުގެ އަދަދުތަކުންނެވެ.

އޭސީސީގެ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން މި ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކުން ދަނީ އެފަރާތްތަކަށް އެސް.އޯ.އެފްއިން ޖަމާކުރި ޑޮލަރަކީ އެ ފަރާތްތަކާއި އެސް.އޯ.އެފް އާއި ދެމެދު ހިންގުނު ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތްތަކުގެ ތެރެއިން ޖަމާކުރި ފައިސާ ކަމަށާއި، އެސް.އޯ.އެފްއިން ޖަމާކުރި ޑޮލަރަކީ ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ފައިސާކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެ މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތައްވެސް ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް