ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 13:31
ރައީސް ޔާމީނު ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ
ރައީސް ޔާމީނު ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ
ގޫގުލް
މަގޭ ރިޕޯޓްް
ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގީ ޔާމީނުގެ ވެރިކަމުގައި

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެމަތީވެރިޔާއެވެ. އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން ސިފައިންގެ އެންމެމަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ ކުޑަވާހަކައެއް ނޫނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ބޭފުޅަކު އެމަގާމުގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރައްވަނީ ގާނޫނީ ހުވައެއް ކުރައްވައިގެންނެވެ. ރައްޔިތުންނަށް އަމާނާތްތެރިވާނެ ކަމަށް އެ ހުވައިގައި ބުނެއެވެ. އެއީ ސިއްރުން ކުރައްވާ ހުވައެއް ނޫނެވެ. 

ރައީސް ޔާމީން ވެރިކަމުގެ 5 އަހަރުގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ތަހްގީގުތައް ފުރިހަމައަށް ހިންގާފައެއް ނެތެވެ. ކޮމިޝަންތަކުން މިނިވަންކަމާއެކު ހިންގަންޖެހޭ ތަހްގީގުތައް ނުހިނގާ ވާހަކަ އޭރު ދެއްކީ ފާޅުގައެވެ. އެކަން އިސްލާހް ކުރަން އެދުވަހު ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ސަރުކާރުގައި ކަންހިނގާދިޔަ މަގުން ދިވެހިންގެ ގިނަބަޔަކު ގޮތް ހުސްވިއެވެ. ބާރު އޮތް ބޭފުޅުންދެކެ ބިރުގަތެވެ. 

ޔާމީނުގެ ވެރިކަމުގައި ރައީސްކަން ކުރެއްވި ބޭފުޅުންނާ، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާ، ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާ ގިނަ ސިޔާސީ ލީޑަރުންތަކެއްގެ އިތުރުން އުއްތަމަ ފަނޑިޔާރަކު މަގާމުގައި ހުންނަވަނިކޮށް ޖަލަށް ލެވުނެވެ. އަދި މަޖިލިސް މެމްބަރުންނާ ޕޮލިސްކޮމިޝަނަރުކަން ކުރެއްވި ބޭފުޅުންތަކެއް ޖަލުގައި ހައްޔަރުކުރެވުނެވެ. މީގެ އިތުރުން އާންމުންގެ އެތައްބަޔެކެވެ. ހައްޔަރުކޮށް ޖަލަށް ލެވުނު އެތައް ބަޔަކު ބުނެފައިވަނީ އެފަރާތްތައް ޖަލަށްލައި ބަންދުކުރެވުނީ އިންސާފުން ނޫން ކަމަށެވެ. 

އިންސާފުން ބޭރުން ކުރާ އެންމެހާ ކަންކަން ހުއްޓުވުމަށް ދިވެހިންނަށް އެދުވަހު އޮތީ އަޑުއުފުލުމެވެ. އެކަން ދިވެހި ރައްޔިތުން ފުރިހަމައަށް ކުރިއެވެ. ނަމަވެސް އެއަޑެއް ރައީސް ޔާމީން އެއްސެވި ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ކުއްލި ހާލަތު އިއުލާންކޮށްގެން ނަމަވެސް މަގާމުތަކުން ބޭފުޅުން ވަކިކޮށްގެން ނަމަވެސް އެމަނިކުފާނު ވަޑައިގެންނެވީ ކުރިއަށެވެ. ބާރު ލިބިވަޑައިގެންފައި އޮތް ދުވަހު ފަސްޖެހިވަޑައިގެންނެވި ތަނެއް ނުފެނުނެވެ. 

މިހާރު ރައީސް ޔާމީނުގެ ވެރިކަން އޮތީ ނިމިފައެވެ. ބާރެއް އަތްޕުޅަކުނެތެވެ. ދިވެހިން އެމަނިކުފާނުއަތްޕުޅުން ބާރުތައް އަތުލީ ޖަހާލި ފާހަގަ އަކުންނެވެ.  

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.4 ބިލިޔަން ރުފިޔާގެ ހިޔާނާތް ހިންގި ގޮތުގެ ކޮންމެސް ވަރެއް ދޭހަވާ ރިޕޯޓެއް އޭސީސީއިން ނެރެފިއެވެ. އެރިޕޯޓު މުޅިން ފުރިހަމަ ނޫނެވެ. އެރިޕޯޓަކީ އެޔަށްވުރެ ފުރިހަމަ އެއްޗަކަށް ވާންޖެހޭނެއެވެ. . ފުރިހަމަ ކުރަންވެސް ޖެހޭނެއެވެ.  އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގާ ނިމިގޮސްފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. މިއީ އެންމެން ދަންްނަ ހަގީގަތެކެވެ.  

މިއަދު ވަނީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަން ޑޮލަރު ލޯންޑަކުރި މައްސަލައިގައި ދައުވާ އުފުލައިފައެވެ. އެމައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރުމުން އެމަނިކުފާނު މިހާރު އެހުންނެވީ މާފުށީޖަލުގައި ބަހައްޓާފައެވެ. 

ކުރިއަށް އޮތްތާ އެމަނިކުފާނުގެ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށްދާނެއެވެ. ޝަރީއަތުގެ މަޖިލިސްތަކަށް ހާޒިރުކުރެވޭއިރު އަރިހުގައި ތިބޭނީ ފުލުހުންނާ، ޖަލުބަލަހައްޓަވާ އޮފިސަރުންނެވެ. މަތިވެރި މެޑެލްތަކާއެކު، ޝަރަފްގެ ހިނގާލުމުގައި ރައީސްއަށް އެދުވަހު ކުރުނީސް އެރުވި ރެޖިމެންޓް އޮފިސަރުންނެއް ނޫނެވެ. މިއީ ދުނިޔެއެވެ. ދުނިޔޭގެ ތަޖްރިބާއަކީ މިކަހަލަ އެއްޗެކެވެ. 

"ހުރުމަތާއެކު އިންނަވާފައި ހިތްތަކުގެ މޮޅުތަހުތުގައި' ބުރުއަޅާ ދިޔަ ސަބަބަކީ އޭނާ އެކުޅަ އަނިޔާތަކޭ" 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް