Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 10:13
މިނިސްޓަރު ޝިދާތާ ކަސްޓަމްގެ މުއައްޒަފުންނާއި ބައްދަލުކުރެއްވުން
މިނިސްޓަރު ޝިދާތާ ކަސްޓަމްގެ މުއައްޒަފުންނާއި ބައްދަލުކުރެއްވުން
ޖެންޑާ މިނިސްޓްރީ
މިނިސްޓަރު ޝިދާތާ
އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތައިލުމަށް މަސައްކަތް ކުރާނެ: މިނިސްޓަރު ޝިދާތާ
އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ތަންފީޒުކުރާ މިންވަރު ބަލަންޖެހޭ
މަތީ މަގާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލަން ޖެހޭ

ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމުން ނިންމާ ފެންވަރުގެ މަގާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ގާނޫނުތަކުން އަންހެނުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އަންގާރަ ދުވަހު ޒިޔާރަތް ކުރައްވަމުންނެވެ.

އެގޮތުން މިނިސްޓަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖްމަންޓާއި އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރާ މިންވަރު އޮޅުން ފިލުއްވައިފައެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމުން ނިންމާ ފެންވަރުގެ މަގާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް ފިރިހެނުންނާ އެއް ހަމައެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ތަޢުލީމު ހާސިލު ކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެން ކުދިންނަށް ވުރެ އިތުރު ކަމުގައި ވިޔަސް، މި ކަންކަން ވަޒީފާގެ މާޙައުލުގައި ނުފެންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މި ބާވަތުގެ ތަފާތުތައް ޙައްލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ނަމަ، އެ ކަމަށް ވެސް ގަދަ އަޅައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވަނީ އޮފީހުގެ މާހައުލުގައްޔާއި ގޭތެރޭގެ މާޙައުލުގައި ކުރެވޭ ގިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމަށް އަންހެން މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި މި ފަދަ ތަފާތުކުރުންތައް ނައްތައިލެވޭނީ، އަންހެނުން އެ ކަމަށް ނުކުމެގެން ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ދައުލަތުގެ އިތުރު މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް މިނިސްޓަރު ޝިދާތާ ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އޮޑިޓަރ ޖެނެރަލްސްގެ އޮފީހަށް ޒިޔާރަތް ކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް