ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީޒް (އައިސީޑީއެސް) އާއި ވިމެން އޮން ބޯޑްސް (ވޮބް) ގުޅިގެން ކޯޕަރޭޓް ގަވަރނަންސް ވާރކްޝޮޕެއް ބާއްވައިފިއެވެ.
މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވާރކްޝޮޕެކެވެ. މި ވާރކްޝޮޕް އިފްތިތާޙް ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމްއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހިންނަކީ އުނގެނުމަށް ފަރިތަ އައު ކަންކަން ދަސްކުރުމަށް ޝައުޤުވެރިކަން އަބަދުވެސް ގެންގުޅޭ ބައެއް ކަމަށާއި އެހެން ކަމުން މިފަދަ ޕްރޮގްރާމްތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ހެޔޮ ބަދަލުތައް ކުންފުނީގެ ހިންގުމަށް ގެނެސް ވިޔަފާރިކުރުމުގެ ވައްޓަފާޅި އާއި ސަޤާފަތް، އެކީ އެކައްޗަކަށް ބަދަލުކުރުމުގެ ރޫޙުގައި އެންމެން އެކުގައި މަސައްކަތްކޮށް، ބޭނުންވާ ބަދަލާ ހަމައަށް ވާޞިލްވެވޭނެ ކަން ފާހަގަކުރެއްވިއެވެ.
ކޯޕަރޭޓް ގަވރަނަންސްގެ އުސޫލުތައް ސަރުކާރުގެ ކުންފުނިތަކުގައި ވެސް އޮންނަން ޖެހޭނެ މިންވަރަށް އަށަގަނެފައި ނެތްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް ޢަމަލުނުކުރުމުގެ ސަބަބުން ރާއްޖޭގައި ވެސް ނޭދެވޭ ކަންކަން ހިނގާފައިވާ ކަމާއި ކޯޕަރޭޓް ގަވަރނަންސްގެ އާދަތައް އަށަގެންނެވުމަށް އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
ސީއެމްޑީއޭ އިން ބުނީ މި ވާރކްޝޮޕަކީ ގަވަރނަންސްގެ އުޞޫލުތަކާއި އެއްގޮތަށް ކުންފުނިތަކުގެ އޮނިގަނޑު ބައްޓަންކޮށް ޢަމަލުކުރުމުގައި، ޑިރެކްޓަރުންގެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން ކުންފުނިތަކުގެ ބޯޑުތައް ފެއިލް ވުމަށް މެދުވެރިވާ ސަބަބުތަކާއި ރިސްކް މެނޭޖްކުރާނެ ގޮތާއި އިންޓަރނަލް ކޮންޓްރޯލް ހަރުދަނާކުރުމުގައި ބޯޑު މެންބަރުންގެ ދައުރާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. އަދި ހަމަ އެއާ އެކު ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް ޢަމަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.
މި ޕްރޮގްރާމްގެ ޓްރެއިނަރަކީ ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޕްރޮފެސަރ ޑރ. ވައި.އާރ.ކޭ. ރެޑީ އެވެ. ޕްރޮފެސަރ ރެޑީއަކީ ވާރލްޑް ބޭންކު ގްރޫޕްގެ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (IFC)، އެފްރިކަން ޑިވެލޮޕްމަންޓް ބޭންކް، އިންޓަރނޭޝަނަލް ކޯޕަރޭޓް ގަވަރނަންސް ނެޓްވާރކް (ICGN) އާއި އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (OECD) ފަދަ ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުގެ ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށް ދުނިޔޭގެ 40 ޤައުމެއްގައި ކޯޕަރޭޓް ގަވަރނަންސް ފްރޭމްވާރކް އެކުލަވާލުމަށް އެހީތެރިވެދެއްވާފައިވާ ފަރާތެކެވެ.
މި ޕްރޮގްރާމްގައި ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނާއި މިނިވަން މުއައްސަސާތަކާއި މިނިސްޓްރީތަކުގެ ސީނިއަރ އެގްޒެކެޓިވް މަޤާމުތައް ފުރުއްވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.