Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 14:19
ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން
ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްއޯޔޫ
ސްޓެލްކޯ އާއި ޕޮލިޓެކްނިކާ ދެމެދު މީހުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި
ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް އިތުރު ފުރުޞަތުތަށް ފަހިވެގެންދާނެ
ފަސް ދާއިރާއަކުން ޖުމްލަ 390 ދަރިވަރުން މިހާރުވެސް ޕޮލިޓެކްނިކުން ތައުލީމު ހާސިލް ކުރަމުންދޭ

ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ސްޓޭޓް ޓްރެއިނިންގ އިންސްޓިޓިއުޓް ފޯރ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން (މޯލްޑިވްސް ޕްލިޓެކްނިކް)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ހޯމަ ދުވަހު އޮތް ސޮއިކުރުމުގެ މި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ޕޮލިޓެކްނިކުން ހިންގާ ތަފާތު ކޯސްތަކުގައި ބައިވެރި ވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށާއި އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާ ނިމުމަށް ފަހު އިންޑަސްޓްރިއަލް ބައި ސްޓެލްކޯގައި ފުރިހަމަ ކުރުމުގެ ފރުސަތު ފަހިވެގެން ދާނެކަމަށެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯ އާއި ޕޮލިޓެކްނިކަކީ މީހުން ތަމްރީނު ކުރުމާއި ވަޒީފާއަށް މީހުން އަހުލު ވެރި ކުރުމުގައި ވަރަށް ގާތް ދެ ތަން ކަމަށާއި ސޮއިކުރެވިގެން ދިޔަ އެމްއޯޔޫގެ ދަށުން ޕޮލިޓެކްނިކާއި ސްޓެލްކޯއާއި ގުޅިގެން ހިންގާ ޕްރޮމްރަމްތަކުން  އިތުރަށް ދެވެން ހުރި އެހީތެރިކަން ދޭނެ ކަމަށެވެ.

"ކޯސްތައް ކުރިއަށްގެންދާއިރު އަޅުގަނޑުމެންނަށް އިތުރު އެހީތެރިކަން ދެވޭނެ. އެކި ރޮނގު ރޮނގުން އަޅުގަނޑުމެން އެހީތެރިކަން ދެމުން ގެންދާނަން. މިސާލަކަށް މި ކުންފުނީގެ ވަކި ފެސިލިޓީއެއް ބޭނުން ކުރަން ވެއްޖެނަމަ އެ އޮންނަ އުޞޫލެއްގެ ދަށުން އަޅުގަނޑުމެން އެ އެހީތެރިކަން ދެމުން ގެންދާނަން،" މުޣުނީ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ، އަޙުމަދު ނާޞިރު ވިދާޅުވީ، އެ އިންސްޓިޓިއުޝަންގެ ފަރާތުން މިހާރު ވެސް ގިނަ ކޯސްތަކެއް ހިންގަމުން އަންނަ ކަމަށާއި، ސްޓެލްކޯއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"މޯލްޑިވްސް ޕޮލިޓެކްނިކްގެ މެންޑޭޓަށް މިއައި ބަދަލާއި އެއްކޮށް، އަޅުގަނޑުމެންގެ މުޙިއްމު އެއް ބޭނުން ދިވެހި ޒުވާނުންނާއި ދިވެހި މަސައްކަތްތެރިން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުމާއި، މިހާރު އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ބިނާކުރާނެ ދާއިރާތަށް ދެނެގަނެ އެ ދާއިރާތަކަށް އެކަށީގެންވާ މީހުން ބިނާކުރުން. އެނގިލައްވާނެ ފަދައިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އެކަންޏެއް ނޫން، ހުރިހާ ދާއިރާއަކަށް ބަލާލިކަމުގައިވިޔަސް، ހުރިހާ އިންޑަސްޓްރީ ތަކެއްވެސް މިދަނީ ވަރަށް ބޮޑަށް ރިފޯމް ވަމުން،" ނާޞިރު ވިދާޅުވިއެވެ.

ފަންނީ އެކި ރޮނގު ރޮނގުން މީހުން ބިނާކުރުމަށް، މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ތަފާތު ގިނަ ކޯސްތައް ހިންގަމުންނެވެ. އެގޮތުން ފަސް ދާއިރާއަކުން ޖުމްލަ 390 ދަރިވަރުން މިހާރު ވެސް ދަނީ ތަމްރީން ޙާޞިލުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް