Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 20:55
200 ސްޕޯޓްސް ކައުންސިލަރުން ހަމަޖެއްސުމަށް ވަނީ ނިންމާފައި
200 ސްޕޯޓްސް ކައުންސިލަރުން ހަމަޖެއްސުމަށް ވަނީ ނިންމާފައި
ސަން އޮންލައިން
ސްޕޯޓްސް ކައުންސިލަރުން
ސްޕޯޓްސް ކައުންސިލަރުންގެ އޮނިގަނޑާއި މުސާރަ ކަނޑައަޅައި ނިމިއްޖެ
 ސްޕޯޓްސް ކައުންސިލަރެއްގެ ބޭސިކް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4465 ރުފިޔާ
ސްޕޯޓްސް ކައުންސިލަރުންގެ މުސާރައަށް އެއް މިލިޔަން ތިންލައްކަ ތިރީސް ތިންހާސް ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ

ސްޕޯޓްސް ކައުންސިލަރުންގެ އޮނިގަނޑު ހަދައި މުސާރަ ކަނޑައަޅައި ނިމިފައިވާ ކަމަށް ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ން ބުނެފިއެވެ.

ސްޕޯރޓްސް ކައުންސިލަރުންގެ އޮނިގަނޑު ސީއެސްސީން އެކުލަވާލާފައިވާއިރު، ކައުންސިލަރުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ GS3 ގްރޭޑްއެވެ.

ސްޕޯޓްސް ކައުންސިލަރެއްގެ ބޭސިކް މުސާރައިގެ ގޮތުގައި  ކަނޑައަޅާފައިވަނީ 4،465ރ. އެވެ. އެލަވަންސްގެ ގޮތުގައި 1،500ރ. އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 700ރ. އެވެ. މުސާރަ އާއި އެލަވަންސާއެކު ޖުމްލަ 6،665 (ހަހާސް ހައްސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ ސްޕޯޓްސް ކައުންސިލަރަކަށް ލިބޭނެއެވެ. ސްޕޯޓްސް ކައުންސިލަރުންގެ ވަޒީފާ އަދާކުރަމުންދާނީ "އެސިސްޓެންޓް ސްޕޯޓްސް ކައުންސިލަރ" ގެ ނަމުގައި ކަމަށް ސީއެސްސީން ވަނީ ބުނެފައެވެ.

ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި 200 ކައުންސިލަރުން ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދުގެ ތެރޭގައި ހިމެނޭ ވައުދުކެއެވެ.

ސީއެސްސީގެ ސެކެޓްރީ ޖެނެރަލް ޒުހުރީ ވިދާޅުވީ ސްޕޯޓްސް ކައުންސިލަރުން ދާއިރާތަކަށް ކަނޑައެޅިއިރު، އާބާދީގެ ނިސްބަތަށް ބަލާފައިވާނެ ކަމަށެވެ. އެގޮތުން ބޮޑެތި އާބާދީތަކައް ގިނަ ކައުންސިލަރުން އަދި ކުދި އާބާދީތަކަށް އެންމެ ކައުންސިލަރެއް ބެހެއްޓުމަށް ކަނޑައަޅާފައިވާނެ ކަމަށެވެ. އެންމެ ގިނަ ސްޕޯޓްސް ކައުންސިލަރުން ކަނޑައަޅާފައި ވަނީ މާލެ ދާއިރާއަށެވެ. އެއީ އަށް ސްޕޯޓްސް ކައުންސިލަރުންނެވެ. ދެން އެންމެ ގިނަ ސްޕޯޓްސް ކައުންސިލަރުން ކަނޑައަޅާފައިވާ ދާއިރާއަކީ އައްޑޫ ސިޓީއެވެ. އެއީ ފަސް ކައުންސިލަރުންނެވެ.

ސީއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުގެ ޒިންމާއަކީ ކައުންސިލަރުންގެ އޮނިގަނޑު އެކުލަވާލުން ކަމަށާއި، ކައުންސިލަރުން މަސައްކަތް ކުރަންޖެހޭ ތަނާއި، ކައުންސިލަރުން ހޯދުމަށް އިއުލާންކުރުމަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އެންޑް އެންޕަވަރމެންޓްގެ ދައުރެއް ކަމަށެވެ. ޔޫތު މިނިސްޓްރީން ކައުންސިލަރުންގެ ސްޓްރަކްޗަރގެ މަސައްކަތް އެކުލަވާލައި ނިމުމުން ހުރިހާ ދާއިރާތަކައް ކައުންސިލަރުން ކަނޑައެޅޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް