Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 08:26
އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން
އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން
ފޮރިން މިނިސްޓްރީ
ކްލައިމެޓްޗޭންޖް ވޯރކްޝޮޕް
ދަރިންނަށްޓަކައި މިގައުމު ސަލާމަތްކުރެވޭނީ ދުނިޔޭގެ އެވަރޭޖް ޓެމްޕަރޭޗަރ 1.5 ޑިގްރީއަށް ވުރެ އިތުރުވިޔަނުދީ ހިފަހައްޓައިގެން : އެންވައިރަމެންޓް މިނިސްޓަރ
2030 އަންނައިރު ދުނިޔޭގެ އެވެރޭޖް ޓެމްޕަރޭޗަރ މަތި ވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން
އިންޓަގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ 5 ވަނަ އެސެސްމެންޓް ރިޕޯޓުން ދުނިޔެ ސިއްސުވާލި

ދަރިންނަށްޓަކައި މިގައުމު ސަލާމަތްކުރެވޭނީ ދުނިޔޭގެ އެވަރޭޖް ޓެމްޕަރޭޗަރ 1.5 ޑިގްރީއަށް ވުރެ އިތުރުވިޔަނުދީ ހިފަހައްޓައިގެން ކަމަށާއި އެހެން ނޫނީ އަންނަން އޮތް ޖީލްތަކުން އެކަމުގެ ޝަކުވާކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ބ އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ކުރިޔަށްދާ ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޓަގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ 5 ވަނަ އެސެސްމެންޓް ރިޕޯޓުން ދުނިޔެ ސިއްސުވާލި ކަމަށާއި ދުނިޔޭގެ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ ދުނިޔޭގެ އެވަރެޖް ޓެމްޕަރޭޗަރ 1850 ވަނަ އަހަރާއި އަޅާބަލާއިރު ދޭއް ނުވަތަ ތިން ޑިގްރީ ހޫނުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް ނެތި ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި ރާއްޖޭގެ ރީތި ފަރުތައް 60 އިންސައްތަ ނޫނީ 90 އިންސައްތަ ހަލާކުވެގެންދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރ ހުސަން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މުރަކަ ނެތި ޖަޒީރާ ރަށްތަކެއް ނޯންނާނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކަނޑަށް ކުނި ނޭޅުމަށާއި ނަޖިސް ބޭރުނުކުރުމަށް އިލްތިމާސްކުރަނީ މިކަމުގެ ސަބަބުން ކަމަށާއި ހިތާމައަކީ ފަރުދުންނާއި ރިސޯޓުތަކުންވެސް ކުނި އަޅާތީކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބަކީ ފަތުރުވެރިކަން ކަމަށް ވާއިރު ، މުރަކައާއި ޖަޒީރާތަކުގެ ރީތިކަން ހޯދުމަށް އަންނަ ފަތުރުވެރިންނަށް ރައްޔިތުންގެ އިހުމާލުން މިކަންކަން ގެއްލި ރާއްޖޭގެ ރީތިކަން ނެތި ދިޔުމަކީ ވެދާނެކަމެއް ކަމަށާއި މިއީ ގައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އަސްލު ފެށެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކުގެ މީހުން ކޯލް އަންދައިގެން ހަކަތަ އުފެއްދުމުން ، އެ ހަކަތައިން ޖައްވަށް ފޮނުވާ ވިހަ ގޭހުގެ ސަބަބުން ކަަމަށާއި ކުދި ޖަޒީރާތަކުގެ ވެއްޓަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާކަމަށެވެ.

" ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އަސްލު ފެށެނީ ދުނިޔޭގެ މާދުރުގައިވާ މީހުން ކޯލް އަންދައިގެން ހަކަތަ އުފައްދާތީ ، ހަކަތައިން ޖައްވަށް ފޮނުވާ ވިހަ ގޭހުގެ ސަބަބުން އަޅުގަނޑުމެންގެ ވެއްޓަށް ނޭދެވޭ އަސަރުކުރަމުން ދަނީ ، ކުދި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ 48 ގައުމުން 1 އިންސައްތައިގެ ވިހަ ގޭހެއް ޖައްވަށް ނުފޮނުވާ ، އެހެން ވެ އިންސާފަށް ނިކުމެ ފުދިއްޖޭ ބުނަންޖެހެނީ " މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވިއެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ވޯކްޝޮޕުގެ މަގްސަދަކީ ދުނިޔޭގެ ޖައްވު ހޫނުވުމާއި ގުޅިގެން ކުރެވިދާނެކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުންކަމަށެވެ. ބައިނަލްއަގްވާމީ މަޝްރަހުގައި ބާއްވާ ކްލައިމޭޓް އެކި ފޯރަމްތަކުގައި ބައިވެރިވަނީ އިންސާފު ހޯދުމުގެ އިތުރުން ޖަޒީރާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ. 2030 އަންނައިރު ދުނިޔޭގެ އެވެރޭޖް ޓެމްޕަރޭޗަރ މަތި ވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށާއި ބޮޑެތި ގައުމުތަކުން ކުރާ ކަންތައް ހުއްޓުވައި ރާއްޖެ ސަލާމަތްކުރުމަށް އޮތީ އެންމެ 12 އަހަރު ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކްލައިމެޓް ޑިޕްލޮމެސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ހާސިލް ކުރަން ބޭނުންވާ ކަންކަން ކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިންސާނިއްޔަތައްޓަކައި މިއީ ރާއްޖެއިން ކުރަންޖެހޭ ކަމެއްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް