Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 21:07
ރައީސް ނަޝީދު
ރައީސް ނަޝީދު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ތިމާވެށީގެ މައްސަލަޔަކީ ހަމައެކަނި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު
މޫސުމަށް އަންނަ ބަދަލާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ 24 އަހަރު ވެފައިވީ ނަމަވެސް މިކަމާ މެދު އެކަށިގެންވާ ފިޔަވަޅެއް މިއަދާ ހަމައަށް ވެސް އެޅިފައެއްނުވޭ

ތިމާވެށީގެ މައްސަލަޔަކީ ހަމައެކަނި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ކުރިޔަށް ގެންދާ ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ފޮރިން މިނިސްޓރ ޝާހިދު ތިމާވެއްޓާއި އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ހިސާބުން ފެށިގެން ނޫސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން އޭރު ވެސް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުން އެމަނިކުފާނު ވަކާލާތު ކުރަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ތިމާވެއްޓައް އަންނަ ބަދަލުތަކާ ގުޅިގެން އދ. ގެ ފްރޭމްވޯކް ކޮންވެންޝަން ރިފޯމް ކުރަން ބޭނުންވާ ކަމަށާއި ހަމައެކަނި ވާހަކަ ދައްކައިގެން އެކަމެއް ހައްލެއް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބަޖެޓްގެ 12% ތަޢުލީމަށް އަދި 13% ސިއްހީ ދައިރާ އަށް ޚަރަދު ކުރެވެމުންދާއިރު ބަޖެޓްގެ 15% އަށް ވުރެ ގިނަ އަދަދެއް މިހާރު ޚަރަދުކުރެވެނީ އެޑެޕްޓޭޝަނަށް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމަށް ތަޢުލީމީ ގޮތުން މަސައްކަތްކުރާ މުޢައްސަސާތަކާއި ޔުނިވަރސިޓީތަކަށް ޒިޔާރަތް ކުރުމުގެ ނަސީބު އެމަނިކުފާނަށް ލިބިފައިވުމުން، ރާއްޖޭގެ ސަފީރުން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކާއި މަޝްވަރާ ބައްދަލްވުންތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަގު ފަހިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ފޮރިން ޕޮލިސީގައި މި މައްސަލަޔަށް ދެއްވާފައިވާ އަހައްމިޔަތުކަމުގެ މުހިއްމުކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. 

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިހާރުގެ ޔޫއެން އެފްސީސީސީ ޕްރޮސެސްއަކީ އެންމެ ފުރިހަމަ ޕްރޮސެސްއެއް ނޫން ކަމަށާއި މިކަމުގައި ދެ ގައުމެއް އެއްބައިވެ ކުރިއަށް ދާން ނިންމި ކަމުގައި ވިޔަސް ތިންވަނަ ގައުމަކުން މިކަމާ ދެކޮޅު ހަދައިފި ނަމަ މަސައްކަތް ހުއްޓިގެންދާނެ ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ 24 އަހަރު ވެފައިވީ ނަމަވެސް އެކަމާ މެދު އެކަށިގެންވާ ފިޔަވަޅެއް މިއަދާ ހަމައަށް ވެސް އެޅިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ބައެއް ގައުމުތަކުން އަދިވެސް 2 ޑިގްރީގައި ބެހެއްޓުމަށް މަސަކަތްކުރަމުން ދާކަން އެމަނިކުފާނު ހިތާމަޔާ އެކު ފާހަގަ ކުރައްވާފައި ވެއެވެ.

ޖުމްލަ ތިން ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި މޫސުމައް އަންނަ ބަދުލަތުކާ ބެހޭ ގޮތުން ކުދި ގައުމުތަކަށް ކުރެވޭނެ ކަންތައްތަކާއި މުސްތަގުބަލުގައި ޔޫއެން އެފްސީސީސީގެ ދައުރާއި ދެކުނު އޭޝިއާގައި ބާއްވާ ޕެރިސް އެގްރީމެންޓާ ބެހޭ ގޮތުން މަޝްވާރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯރކްޝޮޕްގައި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނާއި ލިއޭޖް ޔުނިވާރސިޓީގެ ބައެއް ފަރާތްތަކާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް