ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 18:36
އެމްއެމްއޭ
އެމްއެމްއޭ
ގޫގުލް
އެފްއައިޔޫ ހެޑް
ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!
އެފްއައިޔޫގެ ކުރީގެ ހެޑް ވަނީ އެ މަގާމުން ވަކިކޮށްފައި

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ދިވެހި ސަރުކާރުން ފެށި ކެމްޕޭނުގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ފަރުދީ ޒިންމާ ކުރިއަށް ނެރެ، "ކޮރަޕްޝަން ރިޕޯޓްކުރާ ވިއުގަ"ގެ ނަމުގައި ޕޯޓަލްއެއް ތައާރަފްކޮށްފައެވެ. ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅުމަށް އެންމެ ރައްކާތެރި ގޮތް ހޯދައި ދިނުމަކީ ފަރުދީ ޒިންމާ އަދާކުރަން ބާރު އަޅާނެ ކަމެކެއެވެ. އުފެދޭ ސުވާލަކީ މައުލޫމާތު ހުށައަޅާ އެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ލިބިދޭތޯއެވެ؟ ނުވަތަ އެ ހުށަހަޅާ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިދާނެތޯއެވެ؟

 

ދިވެހިރާއްޖޭގައި މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުގެ މަސައްކަތުގައި އުޅެ ޤާނޫނީ ޒިންމާ އަދާކުރުމުން ރައްކާތެރިކަމެއް ނުލިބިވަނީ އެ މަގާމުން ވަކިކޮށްފައެވެ. ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގައި ތިއްބެވި ތަޖްރިބާކާރު ދެ ބޭފުޅުން އެ ޔުނިޓްގައި މިހާރު ނެތެއެވެ. އެފްއައިޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެމްއެމްއޭގެ ސްޓްރެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސެކްޝަނަށް ކުއްލިއަކަށް ބަދަލުކޮށްފައެވެ. އަދި އެ އަށް ފަހު ގަވަރުނަރުގެ އެދުމުގެ މަތިން، އެ ޔުނިޓާ ހަވާލުވި ވެރިޔާ އިބްރާހީމް ޝަކީލް ވެސް ވަނީ މިދިޔަ ޖެނުއަރީމަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ނަޤުދު ފައިސާ ޖަމާކޮށް އަދި އެފައިސާ ނަޤުދު ފައިސާ އިން ނަގާފައިވާކަމުގެ މައުލޫމާތު ރިޕޯރޓް 13 ސެޕްޓެމްބަރު 2018 ދުވަހު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ފޮނުވީ އޭރުގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ. އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ފޮނުވިތާ ހަތަރު ދުވަސް ފަހުން ހަމަ އެ ހަފްތާގައި 17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ކުއްލި ގޮތަކަށް އޭނާ އެހެން މަގާމަކަށް ބަދަލުކުރިއެވެ. އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަލީ ނަސީރު ބޭނުންފުޅުވެގެންނެވެ. އެފްއައިޔޫގެ ހެޑް އައްޔަންކޮށް ވަކި ކުރުމަކީ އެމްއެމްއޭގެ ގަވަރުނަރަށް ލިބިގެންވާ ބާރެކެއެވެ. 

ގަވަރުނަރުގެ އެންގުމުގެ މަތިން ދެން އެ ޔުނިޓާ ހަވާލުވި ވެރިޔާ އިބްރާހިމް ޝަކީލް ވެސް ވަނީ މިދިޔަ ޖެނުއަރީމަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޝަކީލް އިސްތިއުފާދެއްވީ ގަވަރުނަރުގެ އަމަލުތައް ހުރި ގޮތުން އެފްއައިޔޫގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ދަތިތަކެއް ހުރުމާއި، ކުރިން އެ މަގާމުގައި ހުރި އަބްދުﷲ އަޝްރަފް އޭނާގެ ޤާނޫނީ ޒިންމާ އަދާކުރުމުން އޭނާއާ މެދު ގަވަރުނަރު އެޅި ފިޔަވަޅަކީ އޭނާގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރުމުން އޭނާއަށް ދެއްވި ނުހައްގު އަދަބެއް ކަމަށް ޤަބޫލުކުރެވޭތީ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ. ޝަކީލް ވިދާޅުވީ މިފަދަ ކަމެއް އޭނާއާ މެދު ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާއަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

މި ތުހްމަތުތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ. 

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ގޮތުން އެ ޔުނިޓު ހިންގުމުގެ އެންމެހާ ކަންކަން ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެންވާ ޔުނިޓެކެވެ. އެފްއައިޔޫއަކީ އެމްއެމްއޭގައި ޤާއިމްކުރެވިފައި ވާ ޔުނިޓަކަށްވީ ނަމަވެސް، މި ޤާނޫނުގައި ވާ ގޮތުން ހުދު އެމްއެމްއޭގެ ގަވަރުނަރަށް ވެސް އެ ޔުނިޓުގެ ކަންކަމުގައި ބަސް ވިދާޅުވުމުގެ ބާރެއް ނުލިބެއެވެ.

އެފްއައިޔޫއަށް ބޭނުންވާ ރިސޯސް ހޯދައިދިނުން ފިޔަވާ އެ ޔުނިޓުންކުރާ އިތުރު އެއްވެސް ކަމެއްގައި ގޮތް ކިޔުމުގެ ބާރު އެމްއެމްއޭގެ ގަވަރުނަރަށް ވެސް ލިބިވަޑައިގެންނުވެއެވެ. އަދި މިކަމާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލާއިރު ވެސް މިއީ ހަމަ މިކަން އޮންނަން ޖެހޭ ގޮތެވެ. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މައި ޖަމިއްޔާ ކަމުގައިވާ ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް)ގެ 29 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ ޤައުމެއްގައި ވެސް ސިޔާސީ ވަކިތަކުން މިނިވަންވެފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެއް އޮންނަންޖެހޭނެ ކަމެވެ.

ރާއްޖޭގައި އޮތީ އެފަދަ އިންޓެލިޖެންސް ޔުނިޓެއްތޯ ސުވާލު އުފައްދަންޖެހެ އެވެ. އަދި އެ ޔުނިޓްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެވުނުތޯ؟ ސަބަބުތަކަކީ ކޮބައިތޯ ބަލައި ދެނެގަނެ، އެ ތަން ހަރުދަނާކުރަން ޖެހޭނަމަ ހަރުދަނާ ކުރަންޖެހެ އެވެ. ގާނޫނަށް ބަދަލެއް ގެނަންނަ ޖެހޭ ނަމަ އެކަން ވެސް ކުރަންޖެހެ އެވެ. އަދި މިހާރު އޮތް މޮޑެލަކީ އެންމެ ރަނގަޅު މޮޑެލް ކަމަށް ނުވާނަމަ އެކަން ވެސް ބަދަލުކުރަން ޖެހެ އެވެ. 

ބޭނުންވަނީ ކޮންމެ ގޮތަކުން ވިޔަސް ވައްކަން ކުރުން ހުއްޓުވުމަށެވެ. ވައްކަން ފަޅާ އަރުވާލަން ކެރުމެވެ. އެކަމަށް ހިމާޔަތް ލިބުމެވެ. ކުށްކުރާ މީހުންނަށް އަދަބު ލިބުމެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 14:31
އަހުމަދު
މި ރާއްޖޭގަ ހިނގި އެންމެ ބޮޑު ކޮރަޕްޝަން ހިނގިއިރު ތިޔަ ބުނާ އެފްއައިޔޫ އަށް ކަނޑައެޅިގެން އެނގިތިބި ތިބީ އަޅާނުލާ. މިއަދު ކޮން ހީރޯ އަކަށް ވާން ކޮން ވާހަކައެއް. އަޝްރަފުވެސް އިސްތިއުފާ ދީފަ ރައްޔިތުންނަށް ޖަވާބުދާރީ ވާންވީ.