Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 13:45
ގ.އ ވިލިނގިލި
ގ.އ ވިލިނގިލި
ގޫގުލް
މަރުގެ މައްސަލަ
ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
ހަށިގަނޑު ފެނުނީ ހެނދުނު 7:00 ޖަހާކަށް ހާއިރު

ޒަހަމްތަކާއެކު މަރުވެފައި އޮތް ފިރިހެނަކު ގއ. ވިލިނގިލިން ފެނިއްޖެ އެވެ. 

ވިލިނގިލީ އުތުރުކޮޅުގައި ހުންނަ ހަރުގެއެއް ކައިރީގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، އެ ރަށު މީހަކާ ކައިވެނިކޮށްގެން އައްޑޫ މީހެއްކަމުގައިވާ އުމުރުން 39 އަހަރުގެ ހުސައިން ސިމާދު އެވެ.  

ފުލުހުން ބުނި ގޮތުގައި އެރަށުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެންދުނު 7:00 ޖަހާކަށް ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ. 

ސިމާދުގެ އާއިލާއިމް ބުނި ގޮތުގައި އޭނާ ގެއްލިގެން އުޅޭކަން ފުލުހުންނަށް ރޭ ދެ ފަހަރެއްގެ މަތިން ރިޕޯޓް ކުރި އެވެ. ނަމަވެސް، މީހަކު ގެއްލިގެން ރަށުގެ ރައްޔިތުންނަށް ފުލުހުން އަންގާފައި ނުވާ ކަމަށް، އެރަށުގައި މި ވަގުތު ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ބުންޏެވެ. 

ސިމާދުގެ ހަށިގަނޑު ފެނުނު ބައެއް މީހުންނާ ހަވާލާދީ ހުސައިން ބުނި ގޮތުގައި، ފިހިފައި ހުރި ގޮތަށް އޭނާގެ ކަރުގައި ޒަހަމަކާއި ދެ ލޮލަށް އެއްޗެއް ހަރާފައި ހުރި ކަމުގެ ނިޝާން ހުއްޓެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނުގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ހުސައިން ބުންޏެވެ. 

ވިލިނގިލީގައި މަސްވެރިކަން ކުރާ ސިމާދުގެ ހުންނަނީ އެންމެ ދަރިއެކެވެ. 

ސިމާދުގެ ހަށިގަނޑު މިހާރު އޮތީ ވިލިނގިލީ ހޮސްޕިޓަލްގައެވެ. ފުލުހުން ދަނީ މައްސަލަ ތަހްގީގުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް