ކުޑަކުދިންނަށް ސިނގިރެޓް ވިއްކުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތަސް، ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ސިނގިރޭޓް ބޯ 80 ޕަސެންޓް ކުދިން ސިނގިރޭޓް ގަންނަނީ އެ ކުދިން އަމިއްލަ އަށް ފިހާރަތަކަށް ގޮސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
ރާއްޖެ އެތެރެކުރާ ސިނގިރޭޓުންނާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން، އެބިލް ދިރާސާކުރާ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީގައި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ރަޒާނާ ފާއިޒު ވިދާޅުވީ ސިނގިރެޓް ބޯންފަށާ އުމުރު، މިހާރު 12 އަހަރު 13 އަހަރު ފަހަނައަޅައި ގޮސްފައިވާ ކަމަށާއި، މިހާރު 09 އަހަރުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ ކުޑަ ކުދިން އުޅޭ ކަމަށެވެ.
"ފިހާރަތަކުން ވަކިވަކިން ސިނގިރޭޓް ގަންނަން ލިބޭތީ އެއީ ސިގިރޭޓް ބޯ މީހުންނަށް ބުއިމަށް މަގުފަހިވޭ. ހާއްސަކޮށް ކުޑަކުދިންނަށް ސިނގިރޭޓް ލިބުމަށް މަގު ފަހިވޭ،" ރަޒާނާ ފާއިޒު ވިދާޅުވި އެވެ.
ރާއްޖޭގައި 18 އަހަރުނުވާ ކުޑަކުދިންނަށް ސިގިރޭޓް ވިއްކުމަކީ މަނާކަމެކެވެ.
ރަޒާނާ ވިދާޅުވީ ސިނގިރޭޓް އުފައްދާ ކުންފުނިތަކުން އެ ތަކެތި ޕްރޮމޯޓް ކުރުމަށާއި މީހުން އެކަމަށް ދެވިހިއްޕުވުމަށްޓަކައިވެސް ކަންތަކެއް ކުރަމުންދާ ކަމަށެވެ. އެ ކުންފުނިތަކުން ކުޑަކުދިންނަށް އަމާޒު ހިފާފައިވާ ކަމަށްވެސް ރަޒާނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ފަންނީ ބޭފުޅުން މަޝްވަރާކޮށް، ޕްލޭންތައް ހަދަން އަދި އެކަމަށް ބޭނުންވާ ބަޖެޓްވެސް ހަދަން. ނަމަވެސް ބަޖެޓް ވަރަށް ދަތި. ގިނަ ފަހަރަށް އަޅުގަނޑުމެން ބަޖެޓް ލިބިފައި އޮންނަނީ ކުރަން ބޭނުންވާ ކަންތައްތައް ހާސިލް ކުރެވޭ ވަރަކަށް ނޫން. ދުނިޔޭގައި ސިނގިރޭޓް އުފައްދާ އެންމެ ބޮޑު ފިލިޕް މޮރިސް ކުންފުނިން 2.3 ބިލިއަން ޑޮލަރު ޚަރަދު ކުރޭ އެމީހުންގެ އުފެއްދުންތައް މާކެޓް ކުރަން. އަޅުގަނޑުމެންގެ ހެލްތް އަޅުގަނޑުމެން ޖެހޭ މާކެޓް ކުރަން. ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އަޅުގަނޑުމެން ވެސް އެބަޖެހޭ ހިންގަން. އެކަމަކު އެފަދަ ޕްރޮގްރާމްތައް ހިންގޭ ވަރަށް ބަޖެޓެއް ނުލިބޭ،" ރަޒާނާ ވިދާޅުވި އެވެ.
ސިނގިރޭޓުން ސިއްހަތަށް ލިބޭ ގެއްލުންތަކުން ދުރުކުރުމަށާއި އެކަމުން ރައްޔިތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓް ނުލިބޭ ކަމަށް ރަޒާނާ ވިދާޅުވިއިރު، ހަމަ އެކޮމެޓިގައި މޯލްޑީވްސް ކަސްޓަމްސް ސާރވިސްއިން ބުނެފައިވަނީ ރާއްޖެއަށް އަހަރުން އަހަރަށް ސިނގިރޭޓް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ސިނގިރޭޓް އެތެރެކުރުމުން ހަމަ އެކަނި ކަސްޓަމްސް ޑިއުޓީގެ ގޮތުގައި މިދިއަ 2016 ވަނަ އަހަރު 622 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ހަމަ އެކަނި ސިގިރޭޓުން ކަމަށާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުން ނަގާ 200 ޕަސެންޓްގެ ޑިއުޓީވެސް ނުލާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ނަމަވެސް ސިނގިރޭޓުން ނުވަތަ ދުންފަތުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގަން އެފައިސާއިން އެންމެ ޕަސެންޓެއްވެސް ނުލިބޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެބިލަށް ބުހުސް ކުރަމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަނީ ދައުލަތަށް އާމްދަނީ އިތުރު ކުރުމަށްވުރެ، ސިގިރޭޓް ބުއިމުން ރައްޔިތުން ދުރުކުރުމާއި ރައްޔިތުން ދުޅަހެޔޮ ސިއްހައްތެއް ލިބިދިނުމަށް ކުރާކަމެއް ކަމަށެވެ.