Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 14:35
ސާފް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ސާފް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
މުހައްމަދު ޝަރުހާން
މާލެ ސާފްކުރުން
މާފަންނު މެދު ދާއިރާ ސާފްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
މި ދާއިރަ ސާފްކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ "ސާފް ރީތި މާފަންނު މެދު" މި ޝިއަރުގެ ދަށުން

މާފަންނު މެދު ދާއިރާ ސާފްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. 

ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މެދު ދާއިރާގެ ކައުންސިލަރ އަޒްރާ ވިދާޅުވީ "ސާފް ރީތި މާފަންނު މެދު" މި ޝިއާރުގެ ދަށުން މިއަދު 08:00 އިން ފެށިގެން 10:30 އަށް މާފަންނު މެދު ދާއިރާ ސާފްކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަޒުރާ ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދަކީ މާފަންނު މެދު ދާއިރައަކީ އަބަދުވެސް ރީތި ސާފްތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ އިތުރުން އެދައިރާގެ އެންމެހާ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާ ވަންތަކަން ގާއިމް ކުރުން ކަމަށެވެ. 

މި ހަރަކާތުގެ ދަށުން ފިހާރަތުގެ ދޮރުމަށްޗާއި ގޭގޭގެ ހަނި ގޯޅިތަކާއި މަގުތަކާއި މިފަދަ ހުރިހާ ތަނެއް ސާފްކުރެވިފައި ވާކަމަށާއި އަދި ސާފްކުރުމަށް ފަހު އެއްކުރެވިފައިވާ ކުނި މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު އުކާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާފްތާހިރު ކަމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ހަރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު ސާފް ކުރުމުގެ މި ޕްރޮގްރަމްގައި އެދާއިރާގެ ޒުވާނުންގެ އިތުރުން ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ބައިވެރިވެ ވަރަށް ފޯރިއާ އެކު ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަޒްރާ ވިދާޅުވީ މި ޕްރޮގްރާމަށް ހީކުރި ވަރަށް ވުރެން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ކުރިއަށް އޮތްތާނގައި ކޮންމެ މަހެއްގެ ވެސް ދެވަނަ ހަފްތާގެ ހޮނިހިރު ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ފެހި ކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް އޮތްތާނގައި ހިނގުމަށް ހަމަޖެހިފައިވާ ކަމަށް އަޒުރާ ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް