Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 23:04
ޑިފެންސް މިނިސްޓަރު މާރިޔާ، ޔޫއެއީ އަށް ފުރައިވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި
ޑިފެންސް މިނިސްޓަރު މާރިޔާ، ޔޫއެއީ އަށް ފުރައިވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި
އެމްއެންޑީއެފް
ރާއްޖެ - ޔޫއެއީ
ޝޭހް މަހްތޫމްގެ ދައުވަތަކަށް މާރިޔާ ޔޫއޭއީ އަށް
ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ

ޔޫއޭއީގެ ނައިބް ރައީސް، ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްސަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ފުރާވަޑައިގެންފިއެވެ.

މާރިޔާ ފުރާވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ. ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅުގައި މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.  

މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ޚިޔާލުު ބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. 

މާރިޔާގެ މިދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތްޕުޅުގައި، ޔޫއޭއީގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތް ފަހުން މިނިސްޓަރު މާރިޔާ ވަނީ ދާދި ފަހުން އިންޑިއާ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާ މާރިޔާ ވަނީ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ. މާރިޔާ ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް