Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 13:06
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަތުން
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަތުން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
މިނިސްޓަރ ޝާހިދު ސަޢޫދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
މިނިސްޓަރ ޝާހިދު މާލެ ވަޑައިގަންނަވާފައިވަނީ ހުކުރުދުވަހު ހެނދުނު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގަންނަވައިފި އެވެ.

މި ފެބްރުއަރީ މަހުގެ 12 އިން 14 އަށް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު މާލެ ވަޑައިގަންނަވާފައިވަނީ ހުކުރުދުވަހު ހެނދުނުގެ ވަގުތެއްގައެވެ. 

މި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާޙިމް ބިން ޢަބްދުލްޢަޒީޒް އަލްއައްސަފް އާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިންނަށް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ވިސާ ހޯދުމުގައި، އަދި ވަކިން ޚާއްސަކޮށް ޙައްޖާއި ޢުމްރާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މާލޭގައި ޢިމާރާތްކުރެވެމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީވާހަކަފުޅުދައްކަވާފައެވެ.

މިނިސްޓަރ އަލްއައްސަފް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި ސަޢޫދީ ޢަރަބިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ދެންނެވިއެވެ. މީގެ އިތުރުން، މިނިސްޓަރ ޝާހިދުގެ ޝަރަފުގައި މިނިސްޓަރ އަލްއައްސަފް ވަނީ މެންދުރުގެ ފަރިއްކޮޅެއް އަރުވާފައެވެ.

މި ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ހިޒް އެކްސެލެންސީ ޑރ. މާޖިދް ބިން ޢަބްދުﷲ އަލް ޤަޞަބީ އާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ..

ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވަފައެވެ.

މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނާއި ސަޢޫދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަރޒް ގެ އެޑްވައިޒަ އަދި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއަރމަން، ހިޒް އެކްސަލަންސީ އަޙްމަދް ބިން އަޤީލް އަލް ޚަތީބްއާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.

އެގޮތުން، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ޗެއަރމަން އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޙިއްސާ ކުރެއްވިއެވެ.

އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މަސްވެރިކަމާއި ހައުސިންއާއި ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވާ،

އެމަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިތުރު މަޝްވަރާތައް ކުރެއްވުމަށް އެފަންޑުގެ އިސް ބޭފުޅުންގެ ޓީމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މިވަގުތުު ހިނގަމުންދާ ބައެއް މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއާއި މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ފުރާވަޑައިގެންނެވުމުގެ ކުރިން މައްކާގައި ހުކުރުދުވަހު ބޭއްވުނު ބައްދަލުވުމުގައި ޙައްޖާއި ޢުމްރާގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސަޢޫދީ ސަރުކާރުން އިސްލާމީ އުއްމަތަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތައް ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިންނާއި ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް ދަތުރުކުރައްވާ ބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޝާހިދު ވަނީ ސަޢުދީ ފޮރިން މިނިސްޓަރަށާ އަދި އެހެން މިނިސްޓަރުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަޝްވަރާތަކަށްފަހު ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީކަން ލިބިވަޑައިގެންފައިވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް