ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް އިއްޒަތްތެރި މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވުމުގެ ފުރުޞަތު ނުދެއްވައި، ބައެއް ދާއިރާތަކުގެ ރައްޔިތުންގެ އަޑު މަޖިލީހުން ކަނޑުވާލެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ 85 މެންބަރަކީ އިންތިޚާބު ވުމަށްފަހު ހުވައެއް ކުރައްވައިގެން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި މަޖިލީހުގައި ހެދިފައި ހުންނަ ޤަވައިދުތަކާއި އުސޫލު ތަކުގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ މެންބަރުން ކަމަށާއި އަދި ކޮންމެ މެންބަރަކީ ވެސް އެދާއިރާއެއްގެ ރައްޔިތުންގެ އިތުރުން އެންމެހާ ދިވެހި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެންބަރެއް ކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިއްޒަތްތެރި މެންބަރަކީ، މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ނުވަތަ ބިލެއްގައި، ޕާޓީތަކަށާއި މިނިވަން މެންބަރުންނަށް ކަނޑައަޅުއްވާފައިވާ ވަގުތު ތަކުގައި، ކޮންމެ މެންބަރެއްވެސް އެ މެންބަރެއްގެ ނުވަތަ އެދާއިރާ ގެ ރައްޔިތުންގެ ޚިޔާލު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށް ބޭނުންފުޅުވާނެ މެންބަރެއް ކަމަށާއި ނަމަވެސް މި ފަހަކަށް އައިސް މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް ވަގުތު ދެއްވުމުގައި ތަފާތު ކުރުން ތަކެއް ގެންގުޅޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ،
ރައްޔިތުންގެ މަޖިލީހުގައި ހެދިފައި ހުރި ޤަވާއިދުތަކުގެ ދަށުން އެކިއެކި ޕާޓީ ތަކަށް ވަގުތު ދެއްވުމުގައި ހަމަހަމަ އުސޫލުތަކެއް ހެދިފައިވާކަން ފާހަގަ ކުރައްވައި ބަޔާނުގައި ވިދާޅުވެފައި ވަނީ މަޖިލިސް ތަޅުމުގައި މެންބަރުންނަށް ވަގުތު ދެއްވުމުގައި ޒިންމާ ނަންގަވައިގެން ތިއްބެވި އެންމެހާ ފަރާތްތަކުން މަޖިލީހުގައި ހެދިފައިވާ އެ ޤަވާއިދުތަކާއި އުސޫލުތަކަށް ކަމޭ ހިތްތަވާ ހަމަހަމަކަން ގެންގުޅުއްވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް ދާއިރާތައް ތަމްސީލު ކުރަށްވާ ބައެއް އިއްޒަތްތެރި މެންބަރުންނަށް ފުރުޞަތު ނުދެއްވައި، ބައެއް ދާއިރާ ތަކުގެ ރައްޔިތުންގެ އަޑު މަޖިލީހުން ކަނޑުވާލެއްވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ
މިފަދަ ޑިމޮކްރެޓިކް ޒަމާނެއްގައި، ޑިމޮކްރަސީގެ ރިވެތި އުސޫލާއި ހަމަތަކުގެ މަތިން ވަކި މެންބަރަކާމެދު ތަފާތު ކުރެއްވުން ނުގެންގުޅުއްވައި، ހުރިހާ މެންބަރުންނަށްވެސް ދާއިރާތަކުގެ ރައްޔިތުންގެ ޚިޔާލުތައް ހުށަހެޅުއްވުމަށް ހަމަހަމަ ފުރުޞަތު ތަކެއް މަޖިލީހުގެ ތަޅުމުގައި ހޯއްދަވައި ދެއްވުމަށް ގޮވާލާ ކަމަށް ރައީސް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.