މީޑިއާނެޓުން ފަން ފްރައިޑޭ ނަމުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން މީޑިއާނެޓުގެ ކޮމާޝަލް ޑިވިޝަންގެ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ހަމީދު ވިދާޅުވީ މިއީ ކުޑަކުދިންނަށް ބާއްވާ ވަރަށް ހާއްސަ ހަވީރެއް ކަމަށާއި މިހަރަކާތް ކުރިއަށްގެންދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ން ފެށިގެން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މިހަވީރުގައި މައިގަނޑު ގޮތެއްގައި ކުޑަކުދިންނާއި ގުޅޭ ދެ ޗެނަލްއެއްގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެގޮތުން ޑްރީމްވޯކްސް އަދި ނިކޮލޯޑިއަން ޗެނަލްއަކީ މިހާރުވެސް ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު ޗެނަލްތަކެއް ކަމަށް ވާއިރު މިޗެނަލްތަކުގެ މައުލޫމާތު މި ހަވީރުގައި ހިއްސާކުރާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އަދި އޯޕަން މައި ޓީވީއަށް ސައިންއަޕް ކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރުން ކުރިއަށްގެންދާނެއެވެ.
މީގެ އިތުރުން މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާއިރު އިނާމް ލިބޭ ގޮތަށް ކުޑަކުދިން ގަޔާވާނެ ތަފާތު ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.