Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 16:51
ހައިކޯޓު ބޯޑު: -އައްޑޫގެ ދާއިރާތަކާ ގުޅޭ މައްސަލަ ކޯޓުން ވަނީ ބާތިލްކޮށްފައި
ހައިކޯޓު ބޯޑު: -އައްޑޫގެ ދާއިރާތަކާ ގުޅޭ މައްސަލަ ކޯޓުން ވަނީ ބާތިލްކޮށްފައި
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ހައިކޯޓް
އައްޑޫއަށް ދާއިރާތައް އިތުރުކުރަން ހުށައެޅި މައްސަލަ ބާތިލް ކޮށްފި
އެ މައްސަަލަ ބެލިދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ނުދެކޭ

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރާ ދާއިރާތަކުގެ ތެރެއަށް އައްޑޫ ސިޓީއަށް ދެ ދާއިރާ އިތުރު ކުރަން ހައި ކޯޓަށް ހުށައެޅި މައްސަލަ ބާތިލްކޮށްފިއެވެ.  

ހައި ކޯޓުން އެ މައްސަލަ ބާތިލުކުރީ ބުރާސްފަތި ދުވަހު އެ މައްސަލައިގައި އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވަން ތާވަލުކުރި އަޑުއެހުމަށް، އެ މައްސަލަ ކޯޓަށް ހުށައެޅި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ސ. މަރަދޫފޭދޫ، ފައިވްރޯޒް މުމްތާޒް އަލީ ހާޒިރުވެފައިނުވާތީއެވެ. 

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމުން ކޯޓަށް މައްސަލަ ހުށައެޅީ މަރަދޫފޭދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގައި ބުނާ ފަދައިން ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައި ނެތުމުންނެވެ.

އިންތިޚާބީ ދާއިރާތައް ކޮމިޝަނުން ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ދެވޭނީ ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހެޅުމަށް ފަހު، ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކަމަށް ވާއިރު، އެ މައްސަލާގައި އެ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ. އެކަމަކު މައްސަލަ ހުށަހެޅި ފަރާތްތަކުން ކޯޓުގައި ބުނެފައި ވަނީ މަރަދޫފޭދޫ ދާއިރާ ވަކި ކުރުމާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށާއި އެ މަޝްވަރާތަކުގައި، އެ ދާއިރާ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އެ ދާއިރާ ވަކިކުރަން ސިޓީ ކައުންސިލުން ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވެ އެވެ.

އެ މައްސަލާގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލާއި ދައުލަތް ވެސް އޮތީ ތަދައްޚުލްވެފަ އެވެ. މަޖިލީހުގެ އިންތިޚާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ކަނޑައެޅިއިރު، ދާއިރާތައް އިތުރުވަނީ މާލެއަށް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް