Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 23:42
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތައް
ކާމިޔާބު ހަޔާތަކަށް ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން މުހިންމު: އެޑިއުކޭޝަން މިނިސްޓަރ
މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވަނީ ހަނގާކުރުން ހުއްޓުވުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ އުސޫލާއި، ހެލްތް ސްކްރީނިން ޕްރޮގްރާމް އަދި ސްކޫލް ފުޑް ގައިޑް ތައާރަފްކޮށްފައި

ހަނގާކުރުމަކީ ދަރިވަރުންގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށާއި، ކާމިޔާބު ހަޔާތަކަށް ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން މުހިންމުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހަނގާކުރުން ހުއްޓުވުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ އުސޫލާއި، ހެލްތް ސްކްރީނިން ޕްރޮގްރާމާއި ސްކޫލް ފުޑް ގައިޑް ތައާރަފްކުރަން ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އުސޫލުގެ މަގުސަދަކީ ސްކޫލް މާހައުލު ދަރިވަރުންނަށް ވީހާވެސް ރައްކާތެރި ތަނަކަށް ހެދުން ކަމަށެވެ. އަދި މި އުސޫލުގައި ހަނގާކުރުން ހުއްޓުވާނެ ގޮތްތަކުގެ އިތުރުން، ހަނގާކުރުމުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ހިމެނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އުސޫލު އެކުލަވާލީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

"މި އުސޫލު އެކުލަވާލުމަށްޓަކައި ދަރިވަރުންނާއި އެކު މަސައްކަތް ކުރާ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދަރިވަރުން، ބެލެނިވެރިން، ސްކޫލް ކައުންސިލަރުން، ޓީޗަރުން އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ތެރެއިން 488 ފަރާތުގެ މަޝްވަރާ ހޯދިފައިވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ހަނގާކުރުން ހުއްޓުވޭނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ޑރ. އައިޝަތު ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މަޝްހޫރު ޔޫޓިއުބަރ އާލިފް ނަސީރު (އާލް ނަސީރު) ވަނީ ހަނގާކުރުމާއި ދެކޮޅަށް މަސައްކަތްކުރާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެމްބެސެޑަރުކަމަށް ހޮވާފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ތައްޔާރުކުރި ހަނގާކުރުމާއި ބެހޭ އުސޫލެއް ރަސްމީކޮށް ތައާރަފްކޮށްދެއްވީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މުހައްމަދު އަލް-މުނީރު ސައިފުއްދީނެވެ.

މީގެ އިތުރުން މި ހަފުލާގައި ވަނީ ދަރިވަރުންގެ ސިއްހީ މައްސަލަތައް ދެނެގަނެ ކުއްޖާގެ އުފެދުމުގެ ކަންކަން މޮނިޓާ ކުރުމުގެ ގޮތުން ތައާރަފްކުރި ހެލްތް ސްކީރިން ޕްރޮގަރާމް ވެސް އިފްތިތާހުކޮށްފައެވެ. ހެލްތް ސްކްރީނިން ޕްރޮގްރާމްއާއި ތައާރަފްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ. އަދި ހެލްތް ސްކްރީނިން ޕްރޮގްރާމްއާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ނެރެދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ.

ހެލްތް ސްކްރީން ޕްރޮގްރާމްއަކީ ފަސް އަހަރުގެ ދިރާސާއަށްފަހު ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ތައްޔާރުކޮށްދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި އެމް.އެން.ޑީ.އެފްގެ ކާނަލް ޑރ. އަލީ ޝާހިދުއަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި ހަފުލާގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފުޑް ގައިޑް، "މިންހެޔޮ ކާނާ" ވެސް ވަނީ ތައާރަފްކޮށްފައެވެ. ސްކޫލް ފުޑް ގައިޑް ނެރެދެއްވީ ސޯޝަލް ކައުންސިލް ކޯ-ޗެއަރ ޑރ.މުސްތަފާ ލުތުފީއެވެ. މި ގައިޑަކީ ދިވެހިންނަށް ފަސޭހައިން ލިބެން ހުރި އަދި ސިއްހަތަށް ފައިދާ ހުރި ކާނާ ހިމަނައިގެން ތައްޔާރުކޮށްފައިވާ ގައިޑެއް ކަމަށް ޔުނިސެފްގެ އައިޝަތު ޝަހުލާ އަހުމަދު ވަނީ ވިދާޅުވެފައެވެ.

ހަނގާކުރުން ހުއްޓުވާ، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ ހަރުދަނާ އުސޫލެއް ކަމާއި ގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއި އެކު އެކުލަވާލާ ތަންފީޒުކުރަންފެށުމަކީ ރައީސް އިބްރާހިމް މުހައްމަދުގެ ފުރަތަމަ 100 ދުވަހުގެ ތައުލީމީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ކުޑަކުދިންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް