މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ފަސް ބޭފުޅަކު އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީއޭ އަންހެނުން ގޮފީގެ ރައީސާއި އަދި ކައުންސިލް މެމްބަރު ނަޒީރާ އިބްރާހިމާއި ސްޕޯޓްސް އެމްބެސެޑަރ މުހައްމަދު އަނީސް އަދި ކައުންސިލް މެމްބަރުންގެ ތެރޭގައި ހިމެނޭ ހޫރުޝީދު ތައުފީގްގެ އިތުރުން އަބްދުﷲ ޒިޔާދު އަދި އެމްޑީއޭ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު ރީހާން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީއޭ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ޒުވާނުން އެމްޑީއޭ އިން ވަކިވަމުން ދާ ކަމަށާއި ޕާޓީން އެންމެން ވަކިވުމުގެ ސަބަބަކީ ސިޔާސީ ހަރަކާތް ނުހިންގާތީ ޕާޓިގައި ކުރިމަގެއް ފެންނަން ނެތުމުން ކަމަށެވެ.
އެމްޑީއޭ އިން ބައެއް އެހެން ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ގޮނޑިތައް ކާމިޔާބުކޮށްފައި ވެއެވެ. ނަމަވެސް މި ފަހަރުގެ މަޖިލިސް އިންތިހާބަށް މިހާތަނަށް އެ ޕާޓީން ކެމްޕެއިން ކުރަމުން ދަނީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންނެއް ނޫނެވެ.
މިހާތަނަށް އެމްޑީއޭ އިން ވަނީ އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމަށް އަށް މީހަކަށް ހޯމަދުވަހުގެ ރޭ ޓިކެޓް ދީފައެވެ. ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނީ ކިތައް ދާއިރާއަށް ކަމެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.