ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 18:58
އެފްއޭއެމް
އެފްއޭއެމް
މުހައްމަދު ޝަރުހާން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސަށް ވަރުގަދަ ހަމަލާތަކެއް!
އެފްއޭއެމްގެ އެތެރޭގެ ކޯޅުންގަނޑު ބޮޑު
19 ކްލަބެއްގެ ސޮޔާއެކު ވިކްޓްރީން އެފްއޭއެމްއަށް

މި ދުވަސްވަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދާ ދުވަސްވަރެކެވެ. 

ނިމިގެންދިޔަ ޖެނުއަރީ މަސް އެއްކޮން ދެކެވުނީ ފުޓްބޯލް އެސޯސިއޭޝަންގެ ވާހަކައެވެ. އަހަރު ފެށިގެންދިޔައީ ފުޓްބޯޅައިގެ ކޯޅުންގަނޑަކުންނެވެ. 

މީގެ ތިން ހަފްތާ ކުރިން އަޑުއިވުނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަސައްކަތް ކުރައްވާ ކަމުގެ އަޑުތަކެވެ. މިނިސްޓަރުގެ މައްޗަށް ތުހުމަތުތަކެއް ކުރީ އެފްއޭއެމްއިންނެވެ. 

އެފްއޭއެމުން މީސްމީޑިއާގައި ހާމަކުރި ކުޑަ ބަޔާނެއްގައި ބުނީ، އެ އިދާރާގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދެވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ނަހަމަ ގޮތުގައި ބޭނުންކޮށް، ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެކަމުގެ ބިރު ދައްކަމުން ކްލަބްތަކާ މިނިސްޓަރު މަހުލޫފް ބައްދަލުކޮށްފައިވާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެހިސާބުން ނިމުނީއެއް ނޫނެވެ.  ބަޔާނަށް ރައްދު ދެއްވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މީސް މީޑިއާގައި ވިދާޅުވެފައި ވަނީ، އެފްއޭއެމް އިން ފުޓުބޯޅަ ހިންގާ ކުރިއެރުވުމުގެ ބަދަލުގައި، އެ އިދާރާ އިން ސިޔާސީ ކަންކަން ހިންގާ، އެކަމުގައި ބައިވެރިވެ، ސިޔާސީ ކަންކަން ކުރިއަރުވަން މަސައްކަތް ކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ވީހާލެއްގައި ވާން ދޫކޮށްލައިގެން ތިބި ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ. 

އެފްއޭއެމްއަށް ކުރިމަތިވަމުން ދިޔަ ހަމަލާތައް ވަރުގަދަވެގެން ދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ސަސްޕެންޑު ކުރި ހިސާބުންނެވެ. ނިއު ސަސްޕެންޑު ކުރިތާ މާގިނަ ދުވަހެއް ނުވެ 19 ކްލަބެއްގެ ސޮޔާ އެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން އެފްއޭއެމްއަށް ހުށަހަޅާފައި ވެއެވެ.

ކްލަބްތަކުން ހިތްހަމަނުޖެހުނު ސަބަބުތަކުގެ ތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި, ޕްރެޒިޑެންޓްސް ކަޕް ކުއްލި ގޮތަކަށް ކެންސަލްކުރުމާއި, މި އަހަރުގެ ސީޒަން ޖޫން މަހު ފަށާ ގޮތަށް ނިންމުން ހިމެނެއެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިހުމާލުން، ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ވެސް ކްލަބުތަކުން ހިތްހަމަ ނުޖެހިފައިވާ ސަބަބެކެވެ.

ވިކްޓްރީން ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި، އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުން އަދި މީގެ އިތުރުން ވެސް އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުން ހިމެނެއެވެ. ނިމިދިޔަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އެފްއޭއެމް ހައުސްގެ ބައެއް ބޭނުންކޮށްފައި ވެއެވެ. 

އެފްއޭއެމްއާ ދެކޮޅަށް އެތައް ބައެއްގެ ނުރުހުން ފާޅުކުރަމުންދާއިރު އެފްއޭއެމްގެ އެތެރޭގެ ކޯޅުންގަނޑު ހިންދީ ޑްރާމާއެއްގެ ސީންއަކަށް ވުރެ ހާލު ދެރައެވެ. ދެންވާނީ ކިހިނެއްތޯ ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް