Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 14:32
މި އަހަރުގެ ފަހު ދައުރު އޭޕްރީލް މަހުގެ ނިޔަލަށް ހަމަވާނެ
މި އަހަރުގެ ފަހު ދައުރު އޭޕްރީލް މަހުގެ ނިޔަލަށް ހަމަވާނެ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް 2019
25 ފެބްރުއަރީގައި މަޖިލިސް ޖަލްސާތައް ބާއްވަނީ
ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު
އާ މަޖިލީހުގެ އިންތިހާބު 6 އެޕްރީލްގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް 25 ފެބްރުއަރީގައި ބާއްވާ ގޮތަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ޖަލްސާތައް 25 ފެބްރުއަރީގައި ބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މައުލޫމާތުދެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ދައުރުގެ ޖަލްސާތައް ނިމުމާ އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިމުން އަންނާނެއެވެ. އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައްވަން ތާވަލްކޮށްފައިވާއިރު، މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 19 ވަނަ ރައްޔިތުން މަޖިލީހާ އެކުއެވެ.

ރިޔާސީ ބަޔާން އިއްވުމަށް މި މަހު 7 ވަނަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ފާސްނުކޮށް މި ވަގުތު މަޖިލީހުގައި ހުރި ބައެއް ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ ބިލާއި، ޕެންޝަން ފައިސާ އިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ ބިލް ފަދަ ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް ރައީސް ސޯލިހު ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސަރުކާރު ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ބިލްތައް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ރައީސް ސޯލިހު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދައުލަތައް ގެއްލިފައިވާ ފާއިސާ އާއި މަރުތައް ބަލާ ކޮމިޝަންސްތަކަށް ބާރުދޭ ބިލް ކަމަށްވާ ރިޔާސީ ކޮމިޝަންސްތަކުގެ ބިލް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް ދިއުމާއި ގުޅިގެން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން މި ބިލްތައް ފާސްކުރުމަށް މަސައްކަތް ކޮށްފައިވެވެ. ނަމަވެސް މެމްބަރުންގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބިގެން ދައުރުން ބޭރުގެ ޖަލްސާއެއްވެސް ބޭއްވިފައެއް ނުވެއެވެ.

މި މަހުގެ 25 ވަނަ ދުވަހު ޖަލްސާތައް ފެށުމަށް ހަމަޖައްސާފައިވާ އިރު މަޖިލީހުގެ އިންތިހާބާ ގުޅޭ ބައެއް ބިލްތައް ވެސް މަޖިލީހުގައި އެބަ ހުއްޓެވެ. އެ ގޮތުން ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް މަޖިލީހުގައި ވާދަނުކުރެވޭ ގޮތަށް އޮތް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެއެވެ. ނަމަވެސް މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާއިރު އޭގެ ކުރިން އެ ދެ މައްސަލައަށް ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. މީގެ އިތުރުން ދެ ވަޒީރަކާ ސުވާލުކުރުމަށް ވެސް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ. އެއީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުއާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް