Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 11:58
ރައީސް ސޯލިހު މުލަކަތޮޅު ކައުންސިލްއާ ބައްދަލުކުރައްވަނީ
ރައީސް ސޯލިހު މުލަކަތޮޅު ކައުންސިލްއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ: ރައީސް ސޯލިހު
ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެއްބާރުލުން ދޭނެ
މުލަކަތޮޅަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ރައްޔިތުންނާ ގުޅުން ހުރި ކޮންމެ ކަމެއް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުލަކަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކޮންމެ ކަމަކީވެސް ސަރުކާރުން ވަރަށް ގާތުން ބަލައި، ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރާނެ ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އަބަދު ވެސް އެއްބާރުލުންދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި މުލަކަތޮޅުގެ ރައްޔިތުންނަކީ މައިގަނޑު މަސައްކަތަކަށް މަސްވެރިކަން ކުރަމުންދާ ބައެއްކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި އަތޮޅު ތެރޭގައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ޒުވާނުން އެދާއިރާއަށް އިތުރަށް ޝައުގުވެރި ކުރުމަށް ކައުންސިލުން ހުށަހަޅާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މިމައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން ބިމުގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުށްކުރުން އިތުރުވުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ ކުރިއެރުމަށާއި ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ އެކިއެކި މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް