Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 16:31
ޔާމީންގެ ވެރިކަމުގައި މުލިއާގެ ޗީފް އޮފް ސްޓާފް މުސްތަފާ މުހައްމަދު
ޔާމީންގެ ވެރިކަމުގައި މުލިއާގެ ޗީފް އޮފް ސްޓާފް މުސްތަފާ މުހައްމަދު
މުހައްމަދު ޝަރުހާން
މުލިއާގޭ ކުރީގެ ޗީފް އޮފް ސްޓާފް
މުސްތަފާގެ ބަންދަށް 10 ދުވަސް ޖަހައިފި
ކޯޓު އަމުރެއްގެ ދަށުން މުސްތަފާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު
ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުސްތަފާ މުހައްމަދުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މުސްތަފާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފަތުރުވެރިކަމަށް ރަށެށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ މައްސަލައިގެ ހެކިންނަށް ނުފޫޒުފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރުދައްކަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ޗީފް އޮފް ސްޓާފްގެ މަގަމަށް އައްޔަން ކުރުމުގެ ކުރިން މުސްތަފާ ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމްގެ މަގާމުގައެވެ.

މި ތުހުމަތުތަކުގައި މުސްތަފާ ހައްޔަރުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރެއް މުސްތަފާގެ ނަމުގައި ރަޖިސްޓްރީކުރުމަށް ފަހު، އެ ކާރާ ގުޅޭ މުއާމަލާތްތައް އެކި ގޮތް ގޮތަށް ބަދަލުކުރުމަށް ހިންގާފައިވާ ބޮޑު މައްސަލައެއްވެސް ވަނީ ފަޅާއަރާފައެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކަރަޕްޝަންސް ކަމިޝަން، (އޭސީސީ) އިންވެސް ވަނީ މި މައްސަލަ ބަލާފައެވެ.

ނިމިގެންދިޔަ އަހަރުގެ އޯގަސްޓް މަހުގެ މެދުތެރޭގައި ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައި ވަނީ، "މާސިޑީޒް ބެންޒް އެސް 600" މަރުކާގެ ކާރެކެވެ.

މި ކާރު ސިފައިންގެ ބެލުމުގެ ދަށުގައި އޮއްވައި، އެ ކާރު ކަސްޓަމްސްއިން ނެރުނު ކަމަށް ހެދުމަށްޓަކައި އަމިއްލަ ކުންފުންޏަކުން ހުށަހެޅުމަށް ފަހު، އެ މުއާމަލާތް ބާތިލުކޮށް މުސްތަފާގެ ނަމުގައި ކަސްޓަމްސްގެ ލިޔުންތައް ތައްޔާރުކޮށް، އެ ވެހިކަލް ރަޖިސްޓްރީކުރިއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމާއެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުސްތަފާ އެ ރަޖިސްޓްރީ ބާތިލުކުރަން އިތުރަށް މަސައްކަތް ފަށައި، އެ މުއާމަލާތު ބާތިލުކުރަން ސިޓީ ފޮނުވާފައިވެއެވެ. އަދި ކާރު މުލިއާގޭގެ ނަމުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް