Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 10:58
އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސުލް ޖުމްހޫރިއްޔާ
ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިއްޖެ، ތަރައްގީ ހަލުވި ކުރެވޭނީ ލާމަރުކަޒީ ކުރެވިގެން: ރައީސް
ރަށުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ

ރާއްޖޭގެ ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.  

ސިޓީ އާއި ރަށު ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި ގޮތުންނާއި ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު ރާއްޖޭގެ ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ވެސް ބަދަލު ކުރަން ޖެހިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މިސްރާބު ބަދަލު ނުކުރެވިއްޖެ ނަމަ 2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި ކަމަށެވެ. ނަމަވެސް އެއީކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"މިއީ ކުރެވޭނެ ކަމެއް ނޫން. އަދި ހަމަ އެއާއެކު އިޖްތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެ އަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖްތިމާއީ މައްސަލަތަކުގެ އަސްލަކީވެސް  ވެރިކަން ކުރުމުގައި ޒަމާނުން ސުރެ ގެންގުޅުނު ވިސްނުން،" ރައީސް ވިދާޅުވި އެވެ.    

ރައީސް ވިދާޅުވީ އިގުތިސާދީ ދުވެލި ހަލުވިވަމުންދާއިރު ވެސް ތަރައްގީގެ ދުވެލި ބަރުހެލިވެގެން އުޅެނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ކުރަން ނުކެރުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެކަން ބަދަލު ކުރުމުގެ ހިތްވަރު އެބަ ހުރި ކަމަށާއި މި ސަރުކާރުން އެކަންކަން ބަދަލުކޮށް ޖަޒީރާ ދިރިއުޅުމެއް ހޯދާ ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކޮށް ހިންގުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައި އެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގާއިރު އަނެއްބައި ކައުންސިލްތައް އެންމެ ރަނގަޅަށް ނުހިނގާ އެބަހުރި ކަމަށާއި އެހެން މެދުވެރިވަނީ ސިޔާސީ ގޮތުން ލާމަރުކަޒީ ކުރެވިފައިވިއަސް ތަންފީޒީ މަރުހަލާގައި ލާމަރުކަޒީ ނުކުރެވޭތީ ކަމަށެވެ.  

"ލާމަރުކަޒީ ކުރުމަކީ ކައުންސިލްތަކެއް އުފައްދާފައި ކައުންސިލްތައް އިންތިހާބު ކުރުން އެކަންޏެއް ނޫން. އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭ. ހަމަ އެފަދައިން އަންހެނުން ބާރުވެރިކުރުވޭނެ ގޮތްތައް ނެތި ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ވެސް ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުގައި ބަޔާން ކުރާ އަންހެނުން ކުރިއަރުވާ ކޮމެޓީގެ ދައުރު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ނޫން ގޮތަކަށް ތަރައްގީގައި އަންހެނުން ހިއްސާ ކުރުންވާނީ އުނދަގޫ ކަމަކަށެވެ. އަދި އެ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.  

ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައުމާގުޅޭ މަޝްވަރާތައް ކުރެވެމުންދާއިރު އެމަނިކުފާނަށް ބައެއް އާންމު ރައްޔިތުންގެ ފަރާތުން ލިބިފައިވާ ހިޔާލާ މަޝްވަރާތައް މި ޖަލްސާގައި ވަނީ ހިއްސާ ކުރައްވާފައި އެވެ. މި ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމާއި ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކައުންސިލް މެދުވެރިކޮށް ހިންގުމާއި ރަށާއި ރަށުގެ އިހްތިސާސްގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ހަވާލު ކުރަން ޖެހޭ ގޮތައް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން މަޝްވަރާ ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.  

މީގެ އިތުރުން ރައީސް ވިދާޅުވީ ރަށު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީގެން މެނުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ނުކުރެވޭނެ ކަމަށާއި ރަށްރަށުގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ކުރަން ޖެހޭ ކަންކަމާމެދު ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.  

"ގައުމީ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ އެކްޝަން ޕްލޭނާއި ފުށު ނާރާނެ ގޮތަށް ރަށްރަށާއި އަތޮޅުތަކުގެ ޕްލޭންތައް ހަދައި އޭގައިވާ ކަންކަން ހާސިލް ކުރުމަށްޓަކައި މަޝްރޫއުތައް ހިންގައި ވިލަރެސް ކުރުމުގެ އިހްތިޔާރު ހޯދާ ދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ 2017 ވަނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހްގެ ދަށުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ގެނެސްފައިވާ ބަދަލުތަކާއި ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅާނެ ގޮތަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ގޮތަށް ބައެއް ގާނޫނުތައް އެބަހުރި ކަމަށާއި އެކަންކަން ބަދަލުކުރާނެ ކަމަށެވެ. އެ މަހާސިންތާގައި ސިޓީ ކައުންސިލްތައް އުފެއްދުމާއި ގުޅޭ ގޮތުން ގޮތްތަކެއް ކަނޑައަޅާ ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް