Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 19:10
މިނިސްޓަރ މާރިޔާ
މިނިސްޓަރ މާރިޔާ
މުހައްމަދު ޝަރުހާން
ޑިފެންސް މިނިސްޓަރު
އަމާންކަމާއި މިނިވަންކަން އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު: މިނިސްޓަރ މާރިޔާ
125 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ކޯސް ނިންމާލައިފަ

ދިވެހިރާއްޖެ އަމާންކަމާއި އޮމާންކަމާއި ސުލްހަވެރިކަމާއި މިނިވަންކަމާއެކު އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 64 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ކޯހުގެ މަގްސަދަކީ އަސްކަރީ އަހުލާގަށާއި ހުނަރަށް ކުދިން އަހުލުވެރިކުރުވައި ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބު އަދާކުރުމަށް ފަސްނުޖެހޭ ހިތްވަރުގަދަ ހުށިޔާރު އަދި އަޒުމްވަރުގަދަ ސިފައިން އުދެއްދުން ކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ ރާއްޖޭގެ ހަމަޖެހުމަށް ސިފައިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ތަމްރީންކޯހުގެ ބައިވެރިންނަށް ސިފައިންގެ ޚިދުމަތަށް ނުކުންނަ އިރު ކުރި ހުވާގެ މަތިން ހަނދާންކުރުމަށް އިލްތިމާސްކޮށްފައެވެ.

ސިފައިން ފޯރުކޮށްދޭ ހިދުމަތަށް ތައުރީފްކުރައްވައި މިނިސްޓަރ މާރިޔާ ވަނީ ގައުމަށް ދިމާވާ އެކި އެކި ހާދިސާތަކުގައި ސިފައިން ދައްކަވާ ނަމޫނާއަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ސީ އެމްބިއުލާންސް އެމްއެންޑީއެފްއާއި ހަވާލުކުރަން ޖެހުނު ސަބަބަކީ އާންމު މީހާއަށް ކަނޑުމަތީގައި ދަތުރުކުރަން ނުކެރޭ ދަނޑިވަޅުގައި އެމީހުން ސިއްހީ ސެންޓަރ އާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަތް އުރާލައިގެން ނިކުމެ އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ކަނޑު ކިތަންމެ ގަދަވިޔަސް މޫސުމާއި ބެހޭ އިދާރާއިން ދަތުރުކުރަން ހުއްދަ ދޭ ހާލަތުގައި ދަތުރުކޮށް ރައްޔިތުންގެ ހިދުމަތުގައި ސިފައިން ތިބޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ކުރިމަތި ލުމުގެ އިތުރުން ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެ ފަރާތްތަކަށް އެހީތެރިވުމަށް ސިފައިންނަކީ ތައްޔާރީ ހާލަތުގައި ތިބޭ ބައެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

6 މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އެމްއެންޑީއެފްގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގައި 125 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ކޯސް ނިންމާލައިފައެވެ. އޭގެތެރޭގައި 111 ފިރިހެން، އަދި 14 އަންހެން ސިފައިން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް