Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 14:44
އެމްޑީޕީ އިން މިއަދު މާލޭގެ އެކި ސަރައްދުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރަނީ: -ފޮޓޯ ރާއްޖެއެމްވީ
އެމްޑީޕީ އިން މިއަދު މާލޭގެ އެކި ސަރައްދުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރަނީ: -ފޮޓޯ ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އެމްޑީޕީ ކެންޑިޑޭޓުން ހޮވަންވީ ސަބަބު އެންމެންގެ ލޯ ކުރިމައްޗަށް!
ޕޯސްޓަރުގައި ވަނީ މަޖިލީހުގެ ބިލްތައް އަމާޒުކުރާނެ ދާއިރާތައް ބުނެދީފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން މަގުތަކުގައި އާންމުންނަށް ފެންނާހެން ޕޯސްޓަރ ހިއްޕަން ފަށައިފިއެވެ. މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާ ހުރިހާ ދާއިރާއެއްގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވީ ކުރީގެ ރައީސް އަދި މި އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ނަޝީދެވެ.

މިއާ އެކު ރާއްޖޭގެ އެކި ދާއިރާތައް ހިމެނޭ ގޮތައް ރާއްޖޭގެ އެކި ރަށްތަކުގައި ވެސް ވަނީ ޕޯސްޓަރު ހަރުކުރަން ފަށާފައިއެވެ.

މާލޭގައި ކުރިއަށް ދިޔަ މި ހަރަކާތުގައި މާލޭގެ އެކި ދާއިރާތަކަށް އެމްޑީޕީން ކުރިމަތިލާފައި ތިއްބެވި ކެންޑިޑޭޓުންނާއި އަތޮޅުތެރޭގެ އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕޯސްޓަރތަކުގައި ހިމަނާފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހާށް އެމްޑީޕީން ހުށައަޅަން ވައުދުވާ ބިލްތަކާ ގުޅޭ މައުލޫމާތެވެ. އަދި ބިލްތައް ހުށައެޅިގެންދާނީ ކޮންދާއިރާތަކަކާ ގުޅޭ ގޮތުންކަން މި ޕޯސްޓަރތަކުގައި ބުނެދީފައިވެ އެވެ.  އެމްޑީޕީން ހިއްޕި ޕޯސްޓަރުގައިވާ ބައެއް ކަންކަން އެމްޑީޕީގެ ބައެއް ކެނޑިޑޭޓުން ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

އެމްޑީޕީ އިން މިއަދު ހެނދުނު ފެށި ޕޯސްޓަރހަރުކުރުމުގެ ހަރަކާތުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

އެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކުރުމާ ގުޅޭ ގޮތުން އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުން އިލްޔާސް ލަބީބް ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ބޭނުންވަނީ އެމްޑީޕީގެ ސިޔާސަތުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެގޮތުން ދަރިވަރުންގެ ދަރަނިކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ލުއި ލޯނުމެދުވެރިކޮށް މަތީ ތައުލީމު އުނގެނެވޭނެ ފުރުސަތު ގާނޫނަކުން ފަހިކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.  

"ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް މި އުޅެނީ އެލަވަންސްއެއް ދޭން. އަޅުގަނޑުމެން ޖޮބްސެންޓަރެއް ގާއިމުކޮށްފައި އޭގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ވަޒީފާއެއް ހޯދަދޭން މަސައްކަތްކުރާއިރު އެލަވަންސްއެއް ދޭނަން،" އެމްޑީޕީގެ ސިޔާސަތުތައް ހާމަ ކުރައްވަމުން އިލްޔާސް ވިދާޅުވި އެވެ.  

ހަމަ އެހެންމެ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ އެޖެންޑާ19 ގެ ސިޔާސަތުގެ ދަށުން އެމްޑީޕީން މަޖިލީހަށް ހުށައަޅާ ބިލްތަކާ އެކު މާލޭގެ ރައްޔިތުންނަށް ކުރާނެ ފައިދާތަކަށް ބައްލަވާލައްވާފައެވެ.  

"އަޅުގަނޑުމެންގެ ދާއިރާގެ ހާލަތަކީ 100 އަކަފޫޓްގައި ބާރަ މީހުން 15 މީހުން ދިރިއުޅެމުންދާއިރުގައި ރައީސް އެ ވިދާޅުވަނީ އަޅުގަނޑުމެނަށް މަޖިލީހުގައި އެޖެންޑާ ނަވާރަ ކާމިޔާބު ކަމާއެކު ހިންގިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އެހީތެރިކަން ލިބިގެންދާނެ ވާހަކަ،" އެމްޑީޕީން ހިއްޕިޕޯސްޓަރުގައިވާ ވާހަކަތައް ތަފްސީލްކޮށްދެއްވަމުން ހުސެއިން ވިދާޅުވިއެވެ.

ޅ. ނައިފަރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ކާރިމް ވިދާޅުވީ މުޅި ރާއްޖެއަށް ވެސް ފައިދާއެއް އޮތީ އެމްޑީޕީން ހާމަކޮށްފައިވާ ބިލްތައް މަޖިލީހުން ފާސްކުރެވިގެން ކަމަށެވެ. އަދި ނައިފަރުގެ ބޯހިޔާވަހި ކަމަށް ވެސް ރަނގަޅު ބަދަލެއް ގެނެވެން އޮތީ މިހާރުގެ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރެވިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ.  

"މިހާރު ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް މިހާރު ވަނީ ފޮނުވާފައި. މިދިޔަ ސަރުކާރުގެ ސިޔާސަތަކީ އެއް އެޕާޓްމަންޓްގައި އެއް ރޫމް ނޫނީ ދެ ރޫމް ބެހެއްޓުން. މި ސަރުކާރުން އެ އޮތީ ފޮނުވާފައި ކައުންސިލަށް ތިން ރޫމް އެޅިގެންދާނެ އެޕާޓްމެންޓެއްގައި،" ކާރިމް ވިދާޅުވިއެވެ.  

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސަނީފް ވިދާޅުވީ އެމްޑީޕީން ހާމަކުރަމުންދަނީ އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަ ކަމަށެވެ. ބޯހިޔާވަހިކަމާއި ތައުލީމާއި ވަޒީފާގެ ދަތިތަކަށް ހައްލު ހޯދާ ދިނުމަށް މަޖިލީހަށް އެމްޑީޕީން ހުށައަޅާ ބިލްތައް ފާސްވެއްޖެ ނަމަ ތިނަދޫ އާއި މުޅި ރާއްޖެއަށް އެއިން މަންފާ އާއި ލާބަ ލިބިގެންދާނެކަން އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.  

އެމްޑީޕީން ކުރިއަށް ގެންދިޔަ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތުގައި މާލޭގެ އެކި ގެތަކާއި ފިހާރަތަކުގައި ވަނީ އާންމުންނަށް ފެންނާނެހެން ތަތްކޮށްފައިއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެއް ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކުރެއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފަ ވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަށް ބޭނުންވާ ކަމަށެވެ. އެމްޑީޕީން މުޅި ރާއްޖޭގައި ކުރަމުންދާ ކެމްޕެއިންގެ އިތުރު ހަރަކާތްތައް ކުރިއަށް ވެސް ރޭވިފައި އެބަ ހުއްޓެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް