Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 11:24
ރައީސް ނަޝީދު
ރައީސް ނަޝީދު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
ހުރިހާ ދާއިރާއެއްގެ މެމްބަރުންވެސް ވޯޓު ދެއްވަންވާނީ އެމްޑީޕީ ކެންޑިޑޭޓުންނަށް ކަމަށް ނަޝީދު ވިދާޅުވި

މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީގެ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފޯސްޓަރު ހަރުކުރުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން  ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

 ''ރައީސް ސޯލިހު ވެސް އަޅުގަނޑުވެސް ނޭދޭނެ އެމްޑީޕީ ކެންޑިޑޭޓު ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް. އެނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަ އަކީ ބާތިލް ދޮގު ވާހަކަ... އެބޭފުޅާ އެއް (ރައީސް ސޯލިހު) މި ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ'' ނަޝީދު ވިދާޅުވިއެވެ.

 ނަޝީދު ވިދާޅުވީ ގޮތުގައި، ރައީސް ސޯލިހު ވިދާޅުވީ ކަމަށް ބުނެ ވާހަކަތައް ދައްކަން އެންމެ އައުލާކަން ބޮޑީ އެމަނިކުފާނު ކަމަށާއި، ރައީސްގެ ބަސްފުޅު އެފަދަ ގޮތަކަށް ނުހުންނާނެ ކަމަށެވެ.  

 ދާދި ފަހުން މ. ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައިވަނީ، އެ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވައިދެއްވުމަށް މަސައްކަތްކޮށްދެއްވަން ރައީސް ސޯލިހު އަރިހުގައި އެދިވަޑައިގަންނަވާނެ ކަަމަށެވެ. 

 ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، ކޮންމެ ދާއިރާއަކުން ވެސް އެޕާޓީގެ މެމްބަރުންނަށް ވޯޓު ދީގެން ކަމަށާއި، ކޮންމެ ދާއިރާއެއްގައިވެސް ގޮނޑި ކާމިޔާބު ކުރެވޭ ވަރަށް ޕާޓީގެ މެމްބަރުން ތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 ''މިއަދު އެމްޑީޕީގެ މެމްބަރުން ކުރައްވަންވީ ކަމަކީ ޕާޓީގެ ޓިކެޓް ލިބިފައިވާ ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ދެއްވުން''  މައްޗަންގޮޅި މެދު ދާއިރަށް ކުރިމަތިލައި އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅަން ހަމަޖެހިފައިވާ އިސްލާހަށް ކުރީގެ ނައިބް ރައީސް ޖަމީލް ފާޑު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ އިސްލާހަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.

 ''ވިދާޅުވެ ދެއްވަބައްލަވާ ދެން މިއަށް ވުރެ ރަނގަޅު ގޮތެއް. އަޅުގަނޑުމެން މިދަންނަވަނީ މިދިޔަ ބާރަ ފަނަރަ އަހަރު މިޕާޓީ އަށް ލިބިފައިވާ ތަޖުރިބާއާއި، އަޅުގަނޑމުންނަށް ފެނިފައިވާ ތަނާއި، އަޅުގަނޑުމެންނަށް ކުރެވިފައިވާ، ލިބިފައިވާ ކިތަންމެ ފިލާވަޅެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ބުނާނީ މީއީއޭ ކުރަންވީ ކަމަކީ'' އެމަނިކުފާނު ވިދާޅުވިއެވެ.  

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން  މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެމްޑީޕީން އެ ކެނޑިޑޭޓުންނާއި އެކު ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހަވާލުކޮށްފައިވަނީ ބުދަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް