ގއ.ދާންދޫ ތަރައްގީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ މަޝްވަރާކޮށްފިއެވެ.
ހުކުރު ދުވަހު ހަވީރު ނައިބް ރައީސް ފައިސަލް ދާންދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލްގެ މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.
ދާންދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަކުރެއްވުމުގައި ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ނައިބް ރައީސްއާ ހިއްސާ ކުރައްވިއެވެ.
އެގޮތުން އެރަށުގެ ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަމާއި، އަދި ސުކޫލުގައި މަލްޓި ޕާޕަސް ހޯލެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް މެންބަރުން ވަނީ ރަށަށް ދިމާވެފައިވާ ކަރަންޓުގެ ޚިދުމަތުގެ މައްސަލަތަކާއި، އިޖްތިމާއީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބް ރައީސް ފައިސަލްއާ ހިއްސާކުރައްވާފައެވެ.
މިބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ދާންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި މުވައްސަސާތަކާ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ލަފާދެއްވިއެވެ.