Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 22:04
ފ. ފީއަލީ ހެލްތު ސެންޓަރ
ފ. ފީއަލީ ހެލްތު ސެންޓަރ
ރާއްޖެއެމްވީ
ފ ފީއަލީގައި ޑެންގޫ ފެތުރުން
ޑެންގޫ ޖެހިގެން ފީއަލީއިން އިތުރު ފަރުވާއަށް 6 ކުއްޖަކު މާލެ ގެނެސްފި
ދުވާލަކު 30 މީހުން ޑޮކްޓަރަށް ދައްކަން އާދޭ
މިދިޔަ ހަފްތާގައިވެސް 10 މީހުން ޕޮޒިޓިވްވި

ފ. ފީއަލީގައި ނުރައްކާތެރި މިންވަރަކަށް ޑެންގޫ ފެތުރެމުންގޮސް، އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދިޔަ 6 ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. 

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުން މި 6 ކުދިން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި ހުކުރު ދުވަހުގެ ރޭގައެވެ. 

ހުކުރު ދުވަހު "ރާއްޖެއެމްވީީ" އަށް މައުލޫމާތު ދެއްވަމުން ފ. ފީއަލީ ހެލްތު ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒައީމް ވިދާޅުވީ، އެރަށުގައި އާދަޔާޚިލާފަށް ޑެންގޫ ފެތުރެމުންދާ ކަމަށާއި، ދުވާލަކު ގާތްގަނޑަކަށް 30 މީހުުން ހުންއައިސްގެން ނުވަތަ އެފަދަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ.

ޒައީމް ވިދާާޅުވީ، އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ހުކުރު ދުވަހު ހެލްތު ސެންޓަރަށް އައިސްފައިވާ ކަމަށާއި، ބަލި މީހުން ބަލަމުން ގެންދާ ކަމަށެވެ. 

އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ މެމްބަރު އަހުމަދު އާދަމް ވިދާޅުވީ، ފާއިތުވު ހަފްތާގައި އެރަށުން 10 ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ބުދަ ދުވަހުވެސް އެމަރޖެންސީކޮށް ސީ އެމްބިއުލާންސްގައި ދެ ކުއްޖަކު މާލެ ފޮނުވާފައިވާއިރު، ހަތަރު ކުއްޖަކު އަދިވެސް ރަށު ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްފައިވާކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 1240 މީހުން ދިރިއުޅޭ ފީއަލީގައި ބަލި މީހުން ބެލުމަށް ހެލްތު ސެންޓަރުގައި 1 ޑޮކްޓަރުންނާއި 3 ނަރުހުން ތިބޭ އިރު، އެރަށުގެ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހެލްތު ސެންޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެގޮތުން ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ރަށު ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފާއިތުވި 3 ދުވަހުވެސް ރަށުތެރެއަށް މަދިރިބޭސް ޖަހައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް