Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 22:46
މިނިސްޓަރ ޔުމްނާ މައުމޫން، މިއަދު ބޭއްވި ހަފްލަގެ ތެރެއިން
މިނިސްޓަރ ޔުމްނާ މައުމޫން، މިއަދު ބޭއްވި ހަފްލަގެ ތެރެއިން
މުހައްމަދު ޝަރުހާން
ޔުމްނާ މައުމޫނު
ކުޑައިރުއްސުރެ އަންހެން ކުދިން ބާރުވެރި ކުރުވުމަށް، މައިންބަފައިން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރ ޔުމްނާ
އަންހެނުންނަށް އިތުރު ފުރުސަތު ލިބެން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި

ކުޑައިރުއްސުރެ އަންހެން ކުދިން ބާރުވެރި ކުރުވުމަށް، މައިންބަފައިން މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެން-ރޭންޖެގެ ފަރާތުން އަންހެނުންނަށް ހާއްސަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ދުވުން އިފްތިތާހް ކޮށްދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.  

މިނިސްޓަރ ވިދާޅުވީ، ކަންތައްތަކުގައި ބައިވެރިވަމުން އަންނަ އަންހެނުންގެ އަދަދު ގިނަވެފައިވާ ކަމަށާއި، ނަމަވެސް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ކުޑަކަމަށެވެ. އަދި މިގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ އެކި ދާއިރާތަކުން ކުރިޔަށް ދާން އަންހެނުންނަށް ލިބޭ ފުރުސަތު މަދުވުމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިކަންތައް ފެށިގެން އަންނަނީ އެންމެ ކުޑައިރުއްސުރެ މައިންބަފައިންގެ ފަރާތުން އެ ކުދިންނާއި މެދު ނޭގި ނަމަވެސް ތަފާތުތަކެއް ކުރެވިގެން ކަމަށް ދެކޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

''ދެން ގިނަ ފަހަރު ބޭރަށް ކުޅެން ދުވަން މި ނެރެނީ ފިރިހެން ކުދިން. ފަތަން ދަސްކުރަނީ ފިރިހެން ކުދިން. ތަންތަނަށް އަރާ ހަރަކާތްތެރިވެ އުޅެނީ ފިރިހެން ކުދިން.... މި އުމުރުއްސުރެ އަންހެން ކުދިންނަށް މި ފުރުސަތުތައް ދިނުމަކީ ހަގީގަތުގައި މުހިއްމު ކަމެއް.'' ޔުމްނާ ވިދާޅުވިއެވެ.  

އަންހެނުން ބާރުވެރި ކުރުމާއި ބެހޭ ގޮތުން ވާހަކަ ކުރިޔަށް ގެންދަމުން ޔުމްނާ ވިދާޅުވީ، ޅަ އިރުއްސުރެ ފިރިހެން ކުދިންނަށް ދަސްކޮށްދޭ ކަންތައްތައް އަންހެން ކުދިންނަށް ވެސް ދަސްކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގައި ބައްޕައިންގެ ދައުރު ބޮޑުކަމަށް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.

 ''މި ކަމުގައި ފިރިހެން ބޭފުޅުންގެ ބައިވެރިވުން ވަރަށް ބޮޑު. އަޅުގަނޑު ހަމަ އެދެނީ މި ކަންކަމުގައި ބައްޕައިންގެ ދައުރު އިތުރަށް ފުޅާކޮށް ފިރިހެން ބޭފުޅުން، އަންހެން ބޭފުޅުންނަށް އެހީތެރިވެދިނީމަ ހަގީގަތުގައި ކަންކަމަށް ކުރިމަތިލާ ގާބިލް ދަރިންތަކެއް އަޅުގަނޑުމެންނަށް އުފެދޭނީ.'' މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް