Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 12:53
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މަޖިލިސް
ރައީސްގެ ރިޔާސީ ބަޔާން
ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ ކުރިއަށް އޮތް ތިން މަސްތެރޭގައި ގާއިމް ކުރެވޭނެ: ރައީސް
މެއި މަހުގެ 31 އިން ފެށިގެން ވަކިވަކިން ބިޑި، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ

ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ތެލަސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޤާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމް ކުރަމުން އަންނަ ކަމަސް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކިތަންމެ ގިނަ ފައިސާއެއް ހޭދަކޮށް، ކިތަންމެ ގިނަ ވަސީލަތެއް ބޭނުން ކުރިޔަސް، ޤައުމީ ތަރައްޤީގެ ފަތިހަކަށް އަލިވިލޭނީ، އިންސާނާގެ ނަފްސާއި، އޭނާގެ ޒާތަށް ކުރިއެރުން ލިބިގެން. އިންސާނާގެ ޙަޤީޤީ ތަރައްޤީ ބިނާވެފައިވަނީ، އޭނާގެ ހަށިހެޔޮކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، ބުއްދީގެ ޤާބިލުކަމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު، ދިވެހީންގެ ވިސްނުމަށާއި ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްޙަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުން ކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި ޞިއްޙަތަށް ނުރަނގަޅު ކާބޯތަކެއްޗާއި، ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް ކަމަށް ވެސް އެމަނިކުފާނުން ވިދާޅުވިއެވެ.

އެފަދަ ބަލިތަކަށް މީހާ ވާޞިލުކުރާ އެކައްޗަކީ، ދުންފަތާއި ދުންފަތުގެ އުފެއްދުންތައް ކަމަށާއި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، "ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން، މި އަހަރުގެ ތެރޭގައި ދޭން ފެށޭނެ. އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި، ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް