Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 09:13
ސައިރެކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފު
ސައިރެކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފު
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލްތަކެއް ގާއިމް ކުރަންޖެހޭ: ޝަރީފް
ބޭރުގެ ކުދިން ރާއްޖެގައި ކިޔެވުމުގެ ފުރުސަތު ފަހިވާން ޖެހޭ
ހޮސްޓެލް ގާއިމް ކުރުމުން އަތޮޅު ތެރޭގެ ކުދިންނަށް ވެސް ބޮޑު ލުޔެއް ލިބޭނެ

ރާއްޖޭގައި މަތީ ތައުލީމުގެ ސިނާއަތް ކުރިއެރުވުމަށް ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލްތަކެއް ގާއިމް ކުރަންޖެހޭ ކަމަށް ސައިރެކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަރީފު ވިދާޅުވީ ރާއްޖޭގެ މަތީތައުލީމު ފުޅާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާއިރު އެންމެ ބޭނުންވަނީ ބޭރުގެ ކުދިން ރާއްޖެއަށް ކިޔެވުމުގެ ފުރުސަތު ފަހިވެހެންދިއުން ކަމަށެވެ.

ޝަރީފު ވިދާޅުވީ މިހާރު ވެސް ބޭރުކުދިން ކިޔެވުމަށް އައުމަށް ރިކުއެސްޓް ލިބޭ ކަމަށާއި، ނަމަވެސް ބޭރުގެ ކުދިންނަށް އެފުރުސަތުދޭނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެކުދިން ކިޔެވުމަށް ރާއްޖެ އައިސް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ދައްކަންޖެހޭ ކަމަށާއި، ރަނގަޅު އެކޮމަޑޭޝަނެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ކޮލެޖްތަކާއި ކައިރިން ނުވަތަ އެނޫން ވެސް ގޮތަކަށް ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލް ނެތުމީ މިފުރުސަތުތަކަށް ގެއްލިގެންދާ ސަބަބު ކަމަށެވެ. އަދ ވިދާޅުވީ ކޯހުގެ ކަންކަން އެކަނި ހަމަޖެއްސުމުން ނުނިމޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލްތަކެއް ގާއިމު ކުރުމުން ބޭރު ގައުމުތަކުގެ ކުދިންގެ އިތުރުން އަތޮޅު ތެރޭގެ ކުދިންނަށް އައިސް ތިބެވޭނެ ކަމަށާއި، ކޮންމެ އަތޮޅެއްގައި ކޮލެޖްގެ ބައެއް ގާއިމް ކުރަން ނުޖެހޭނެ ކަމަށެވެ. މިއީ ކޮލެޖްތަކާއި، މައިންބަފައިންނާއި، ދަރިވަރުނަށް ވެސް ދެވޭ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަތޮޅުތަކުގައި ހުންނަ ކުއްޖަކަށް މާލެ އާދެވޭނެ ތެދެއްތޯ. މާލެ އައިސް ހަމަ ރަނގަޅު އެކޮމޮޑޭޝަންއެއްގައި ހުރެގެން އެކުދިންނަށް ކިޔެވޭނެ މައިންބަފައިންނާ ދުރުގަ ހުރެގެން ވެސް. އަދި ހޮސްޓެލްއެއް ހަދާފިއްޔާ އެރައްކާތެރިކަން ވެސް އޮންނާނެ. ހަމަ އިންޑެޕެންޑްކޮށް އެހެންތަންތަންގައި ދިރިއުޅެމުން ކިޔެވުމުގެ ފުރުސަތު ލިބޭނެ. އެކުދިންނަށް އެއްޗެހިތަކެއް ދަސްވެގެންދާނެ. އެހެންވީމަ ރަނގަޅު އެކަހަލަ ޕްލޭންތަކެއް ކުރަން އެބަ ޖެހޭ." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ހޮސްޓެލްތައް ގާއިމްކުރެވިއްޖެނަމަ، ބޭރުގައުމުތަކުން ރާއްޖެއަށް ފައިސާ ވަންނަ މިންވަރު އިތުރުވާނެ ކަމަށާއި، ހުޅުމާލެއިންނާއި، މާލެއިން މިކަމަށް ޚާއްސަކޮށް، ގޯތި ދޭން ޖެހޭ ކަމަށެވެ. ނުވަތަ ޕްރައިވެޓް ކޮލެޖް ހިންގާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީ ލުއި ލޯން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ބޭރުގެ ކޮލެޖް، ޔުނިވަރސިޓީތަކުން ރާއްޖޭގެ މަތީ ތައުލީމަށް ބަރޯސާވެ، ރާއްޖޭގެ ސަނަދުތައް ބޭރުގެ ގައުމުތަކުން ގަބޫލުކޮށް ބޭރުގެ ކުންފުނިތަކުން އެސަނަދުތައް ގަބޫލުކޮށް، ވަޒީފާ ހަމަޖެހޭ ފެންވަރަށް މިދާއިރާ ކުރިއަރުވަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް