Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 08:48
ޖުޑިޝަލް ސާވިސް ކޮމިޝަން
ޖުޑިޝަލް ސާވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ތިން ގާޒީން އެހެން ކޯޓުތަކަށް ބަދަލުކުރުމާއި ގުޅިގެން ގާނޫނީ ވަކީލުން ފާޑު ވިދާޅުވެއްޖެ
މިއީ ޝަރުއީ ދާއިރާއަށް ބާރުފޯރުވުން
ގާޒީ އާދަމް އާރިފު ބަދަލު ކުރަނީ ޑްރަގް ކޯޓަށް

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް، އިތުރު ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން މަޝްހޫރު ދެގާނޫނީ ވަކީލުން ފާޑުވިދާޅުވެއްޖެއެވެ.

ޖޭއެސްސީން އިން ވަނީ ގާޒީ އާރިފް ބަދަލުކުރަން ނިންމީ ޑްރަގް ކޯޓަށެވެ. އަދި ކްރިމިނަލް ކޯޓަށް ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ރަޝީދު ބަދަލުކުރަން ވަނީ ނިންމާފައެވެ.

އެ ތިން ބޭފުޅުން ބަދަލު ކުރަން ނިންމީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމާ ބެހޭ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން އެގޮތަށް ހުށަހެޅުމުން ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ޖޭއެސްސީގެ މިނިންމުންތަކަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ސުޕްރިމްކޯޓުން އެގޮތަށް ފަޑިޔާރުން ބަދަލު ކުރުން އެއީ ޝަރުއީ ދާއިރާއަށް ބާރުފޯރުވުން ކަމަށާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައި އޮތް ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ފަޑިޔާރުން ބަދަލުކުރަނީ އެކަމަށް މަތިކޮށްފައި އޮންނަ ތަނަކުން ކަމަށާއި، މިކަމަކީ ޖޭއެސްސީ ވަރަށް ބޮޑު ފެއިލިއަރއެއް ކަމަށެވެ. އަދި މިއީ ބަލަންޖެހޭ ވަރަށް ކަންކަން ނުބެލުން ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް އަދި އެފަޑިޔާރެއްގެ ރުހުން ނެތި އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަކީ ފަޑިޔާރުންގެ މުސްތަގިއްލުކަމާއި، ހިލާފު ކަމެއް ކަމަށެވެ.

މިއީ ޣައިރު ދުސްތޫރީ އަމަލެއްގެ ގޮތުގައި ހުސްނުއްސުއޫދު ވަނީ ސިފަކުރައްވާފައެވެ.

އާދަމް އާރިފް ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ އެ ކޯޓު ދުވަސް ކޮޅަކަށް ހިންގަވާފަ އެވެ. ކުރިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އާދަމް އާރިފް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ބޮޑެތި މައްސަލަތަކާއި ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބައްލަވާފައި އެވެ.

ގާޒީ އަލީ ރަޝީދަކީ ކުރިން ވެސް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު 2011 ގައި އޭނާ ސިވިލް ކޯޓަށް ބަދަލުކުރީ އޭނާ އަމިއްލައަށް އެދިވަޑައިގަތުމުންނެވެ. ފަހުން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އޭނާ ޑްރަގް ކޯޓަށް ބަދަލުކުރީ އޭގެފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް