Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 20:56
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
ރާއްޖޭގައި އިންސާނީ ޙައްޤުތައް
ރާއްޖޭގެ ހާލަތު ދެނެގަތުމަށް އިންސާނީ ޙައްޤުތަކާ ބެހޭ ފަރާތްތަކަށް މިނިސްޓަރ ޝާހިދު ދައުވަތު ދެއްވައިފި
އދ. ގެ ވަފުދަށް ކުރީގެ ސަރުކާރުން ވަނީ ހުރަސްއަޅާފައި

ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް ޒިޔާތް ކުރުމަށް ކުރީގެ ސަރުކާރުން ހުރަސް އަޅާފައިވާ އދ. އާއި އެހެން ޖަމިއްޔާތަކުގެ އޮފިޝަލުން ރާއްޖެއަށް ޒިޔާރަތްކޮށް، އެފަރާތްތަކުން ރާއްޖޭގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ދައުވަތު ދެއްވައިފިއެވެ.

ފޮރިން މިނިސްޓަރ މިފަދައިން ދަޢުވަތު ދެއްވީ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރ، މިޝެލް ބެޗްލެޓްގެ ސިޓީފުޅަކަށް ޖަވާބުދެއްވައި އެކަމަނާއަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ. މިނިސްޓަރ ޝާހިދުގެ ސިޓީފުޅުގައި އެމަނިކުފާނު ވަނީ އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކޮށްދިނުމަށް މިހާރުގެ ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެކި ފަރާތްތަކާ އެކު މަސައްކަތްކުރުމަކީ މި ސަރުކާރުން އިސްކަން ދޭ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ އެފަދަ ފަރާތްތައް ރާއްޖެއަށް ޒިޔާރަތް ކުރުމަށް އެ ފަރާތްތަކަށް ވެސް ދަޢުވަތު ދެއްވާފައެވެ.

މި ސިޓީފުޅުގައި މިނިސްޓަރ ޝާހިދު ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރގެ އޮފީހާއި، އަދި އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަން ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވާ ފަދައިން، އދ. ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި އދ. ގެ ވަރކިންގ ގްރޫޕް އިން އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސްއެޕިއަރެންސެސްއަށް އެއްބާރުލުން ދޭނެކަން އެ މުއައްސަސާތަކަށް މިހާރު ވެސް އަންގާފައިވާނެކަން ވެސް މިނިސްޓަރގެ ސިޓީފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ އޮފިޝަލުންނަށް ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ވަނީ ބަންދުކޮށްފައެވެ.

މި ފެބްރުއަރީ މަހު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ 40 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖެނީވާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީ އިން ވަނީ ބުދަ ދުވަހު ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް