Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 12:29
ރައީސް ނަޝީދު މިއަދުގެ ހަފްލާތެރެއިން
ރައީސް ނަޝީދު މިއަދުގެ ހަފްލާތެރެއިން
ރާއްޖެއެމްވީ
މަޖިލީސް އިންތިހާބު 2019
ކެމްޕެއިން ހަރަކާތްތައް ގެންދަވާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް: ރައީސް ނަޝީދު
ހުރިހާ ރައްޔިތުންވެސް ވޯޓުގެ ކަންކަން ގެންދާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށްކަމަށް ގަބޫލުކުރަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީސް ިއންތިހާބަށް ވާދަކުރާ ކެނޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށްވެސް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިންސާފުވެރިކަމާއެކު ހިންގަވަމުންގެންދަވާކަމީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ކޮމިޝަންގެ މަސައްކަތްތަކަށް ތައުރީފްކުރައްވާފަ އެވެ. 

އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަސް އޮތް މަޖިލީސް ިއންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި އެ މަސައްކަތަށް އެހެން ޕާޓީތަކުގެ އެއްބާރުލުންވެސް ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެ ރަސްމިއްޔަތުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަބީބު ކޮމިޝަނުންކުރާ މަސަތްކަތްތައް ހިއްސާ ކުރުމާއި ގުޅިގެންނެވެ. 

ރައީސް ނަޝީދު ވަނީ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވުމަށް ކެނޑިޑޭޓުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެކަމުގައި އެމްޑީޕީގެ ކެނޑިޑޭޓުން ނަމޫނާ ދެއްކުމަށް ރައީސް ނަޝީދު ކެނޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. 

ބުދަ ދުވަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރާ ކެނޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޗަނަށް ވަނީ ހުށަހަޅާފަ އެވެ. އެ ފޯމްތަކާއި އިލެކްޝަންސް ކޮމިޝްންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކޮމިޝަންގެ ނައިބް ރައީސް އަމްޒަދު މުސްތަފާ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް