ޕީޕީއެމްގެ މެންބަރުންނަށް ވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މެންބަރުންގެ އަދަދު 150،000 އަށް އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ މެންބަރުން އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ.
އެގޮތުން އެއް ދުވަހު 11،000 މެންބަރުން ޕީޕީއެމް އަށް އިތުރުވިކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
ރާއްޖެއެމްވީއަށް އެގުނު ގޮތުގައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ޕީޕީއެމް އަށް ވެއްދުމަށްޓަކައި ފޯމް ހަވާލުކޮށް ފޯމް ފުރުމަށް އަންގާފައިވެއެވެ. އެގޮތުން އެސްޓީއޯގެ މުވައްޒަފުންތަކެއް ޕީޕީއެމް މެންބަރޝިޕް ފޯމުގައި ސޮއި ކުރުމަށް ބުނެ، ފޯމް ހަވާލުކޮށްފައިވާކަން ރާއްޖެޓީވީއަށް ވަނީ އެނގިފަ އެވެ.
މީގެ އިތުރުން ސަރުކާރު އިމާރާތްތަކުގައި ސެކިއުރިޓީންނަށް ތިބޭ މީހުންގެ ގާތަށް ގޮސް ޕީޕީއެމް ފޯމް ފުރުމަށް އެތަށް ފަހަރަކު އެދިފައިވާ ކަމަށް ވެސް ރާއްޖެ އެމްވީއަށް މައުލޫމާތުދިން ސެކިއުރިޓީ މުވައްޒަފަކު ވަަނީ ބުނެފައެވެ.
ޕީޕީއެމް މެންބަރުން އިތުރުކުރުމުގައި މަގާމުގެ ގޮތުން ދަށް ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުން ޕީޕީއެމްއަށް ވެއްދުމަށް މަސައްކަތް ކުރަމުންދާތީ މިއީ މީހުންގެ ބޮލަށް އެރިގެން ގަދަކަމުން ކުރުވާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޕީޕީއެމް އަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވަރަށް ފޯރިޔާއަކު ކުރިއަށް ދާއިރު މި ހަރަކާތުގެ ތެރެއިން އެންމެ ގިނަ ފޯމް ހޯދާ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުން ދޭއިރު، ދެ ވަނަ އަދި ތިން ވަނަ އަށް ވެސް ބެންކޮކް ދަތުރެއް ދެއެވެ. މީގެ އިތުރުން 300 ފޯމް ހަމަކުރާ ކޮންމެ މީހަކަށް 7،500 ރ. ހުށަހަޅާފައިވާ ކަމަށް މިކެމްޕޭނުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެންބަރަކު ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ޕާޓީ އަކުން މެންބަރުން އިތުރު ކުރުމަށް ނިންމާ، އެންމެ ގިނަ މެންބަރުން ހޯދާ ބަޔަކަށް ހިއްވަރު ދިނުމުގެ ގޮތުން އިނާމެއް ދިނުން ކޮރަޕްޝަނަކަށް ނުބެލެވޭނެ ކަަމަށެވެ. އެހެން ނަމަވެސް ވަޒީފާއަށް ބިރުދައްކާ، ވަކި ކަމެއް ކުރުމަށް އަންގައިފި ނަމަ، މަޤާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބެލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސަރުކާރު މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ނުވަތަ ކުރާކަމަކުން ނުވަތަ ކުރާ ކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދާދިނުމަކީ ކުށެކެވެ.