Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 20:34
ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުން
ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުން
ރައީސް އޮފީސް
ބްރޯޑް ކާސްޓިން ކޮމިޝަން
އީސީ ޝަރީފްގެ ކިބައިން މާއާފަށް އެދުމަށް ''ޗެނަލް 13'' އަށް އަންގައިފި
އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޗެނަލް 13 އަށް ވަނީ އިލްތިމާސް ކޮށްފައި
ކުރީގެ ވެރިކަމުގައި ޗެނެލް 13 ގެ މައްސަލަތައް ކޮމިޝަނަށް ފެނިފައެއް ނުވޭ

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފުގެ ކިބައިން މައާފަށް އެދެން ''ޗެނަލް 13'' އަށް މޯލްޑިވިސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.

ބްރޯޑްކޮމް އިން ހޯމަ ދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން، އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ ގެނެސްދިން ''އޮޅުވާލި ވޯޓް'' ޕްރޮގްރާމްގައި ޝަރީފް ''ވޯޓު ވަގަށް'' ނެގިކަމުގެ ތުހުމަތުކޮށް، އޭނާގެ ނަޒާހާތްތެރިކަމާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ސައްހަ ނޫން އަދި ސާބިތު ނުހިފޭ ދޮގު މައުލޫމާތު ފަތުރަފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޝަރީފްގެ އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ރައްޔިތުންގެ ކުރިމަތީގައި މުހާތަބުކޮށްފައިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ވެއެވެ.

ޗެނަލް 13 އިން އެފަދަ ކޮންޓެންޓެއް ގެނެސްދީފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ''އޮޅުވާލީ ވޯޓު''ގެ ނަމުގައި ޕީޕީއެމް އޮފީސް ސަރަހައްދުގައި ބޭއްވި އެއްވުމުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ބަލިވެވަޑައިގަތުމުން އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްއިން ވަނީ އިލެކްޝަން ކޮމިޝަނުން ވޯޓު އޮޅުވާލި ކަމަށް ބުނެ ސިލްސިލާ އެއްވުންތަކެއް ބާއްވާފައެވެ.

ޗެނަލް 13 އިން ގެނެސްދިން ކޮންޓެންޓަކީ ބްރޯޑްކޮމްގެ ކޯޑްއޮފް ޕްރެކްޓިސް ތިން ވަނަ ހަމައިގެ (1) ވަނަ ނަންބަރު (މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން)އާ ހިލާފު ކޮންޓެންޓެއް ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.  

މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ "ޗެނަލް 13" އަށް ބްރޯޑް ކޮމްއިން ވަނީ އެފަދަ ކޮންޓެންޓެއް ތަކުރާރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހަމާއެއާ އެކު ޝަރީފްގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން ފެބްރުއަރީ 14 ވަނަ ދުވަހުގެ ކުރިން، ރޭގަނޑު 8:00 އާއި 10:00 އާ ދެމެދު އާއްމުކުރުމަށް ވެސް އެ ޗެނަލް އަށް ވަނީ އަންގާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ އަބުރު ގެއްލޭ ގޮތަށް ގިނަ ކޮންޓެންޓްތަކެއް ޗެނެލް 13 އިން ގެނެސްދިން ނަމަވެސް އެ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަށް ބްރޮޑްކޮމް އިން ދީފައެއް ނުވެއެވެ. ބްރޮޑްކޮމްގެ ގިނަ މެންބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ކުރިން އުޅުނު ފަރާތްތަކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް