ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 19:01
ޓީސީ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޔޫތު ޗެމްޕިއަންޝިޕް
ޔޫތު ޗެމްޕިއަންޝިޕް: ޖުމާން ވިދާލި މެޗުން ފަހަތުން އަރައި ޓީސީން ފޯކައިދޫ ބަލިކޮށްފި
ޖުމާން ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް، ދެ ޕެނަލްޓީ ހޯދައިދީފައި
ފޯކައިދޫގެ މައްޗަށް ޓީސީ ކުރިހޯދީ 2-3 ގެ ނަތީޖާއަކުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި މުހައްމަދު ޖުމާން އަހުމަދު ވިދާލި މެޗުން ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބުން ށ.ފޯކައިދޫ ބަލިކޮށްފިއެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗު ފޯކައިދޫއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ފޯކައިދޫއިންނެވެ. އެގޮތުން ހަތަރުވަނަ މިނެޓުގައި ހަސަން ނަޒީމް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ފޯކައިދޫގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި ހާފްގައި ޓީސީގެ ފަރާތުން މާ އެދެވޭ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ފޯކައިދޫއިން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ނަޒީމްއެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޓީސީގެ މައްޗަށް ފޯކައިދޫ ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފަށް ބަދަލުތަކާއެކު ނިކުމެ ޓީސީން ވަނީ އެޓީމުގެ އެޓޭކް ވަރުގަދަކޮށްފައެވެ. އެގޮތުން 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައްޒާމް އަބްދުﷲއެވެ. މިއީ ފޯކައިދޫގެ އޭރިޔާ ތެރެއިން ޓީސީގެ ޖުމާންއަށް ފޯކައިދޫ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ލަނޑަށްފަހުވެސް ޓީސީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އެގޮތުން 57 ވަނަ މިނެޓުގައި ޖުމާން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކުން ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހު ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޓީސީގެ ޖުމާންއަށް ފޯކައިދޫ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކުރިޔަށް ފޮނުވާލީ އައްޒާމްއެވެ. ނަމަވެސް ބޯޅަ ދިޔައީ މަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

ޓީސީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 86 ވަނަ މިނެޓުގައި މުހައްމަދު ޖުމާން ކާމިޔާބުކުރި ލަނޑަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ޖުމާން ހޮވުނުއިރު، އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން ދެ ޕެނަލްޓީ އެޓީމަށް ހޯދައިދީފައެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި 21 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާއިރު، މުބާރާތުގައި ބައިވެރިވީ ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓާއި، ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އާއި ށ. ފޯކައިދޫ އަދި ބ. އޭދަފުއްޓެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިފަހަރު ބައިވެރިނުވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ފ. ނިލަންދޫއެވެ. މި ދެ ޓީމު ވަނީ މީގެ ކުރިން އޮތް މުބާރާތުގައި ކުޅެފައެވެ. އޭގެ ތެރެއިން ނިއުއަށް މުބާރާތުން ފުރުސަތު ގެއްލުނީ އެފްއޭއެމްއިން އެ ކްލަބް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުމުންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތް ރޭވިފައިވާ ގޮތުން އެއް ގްރޫޕަށް ފަސް ޓީމު އަދި އަނެއް ގްރޫޕަށް ހަތަރު ޓީމު ބަހާލެވޭނެއެވެ. ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް