Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 17:24
މަދިރި ކޮންޓްރޯލް ކުރުމަށް ސްޕްރޭ ޖަހަނީ
މަދިރި ކޮންޓްރޯލް ކުރުމަށް ސްޕްރޭ ޖަހަނީ
އަޝްވާ ފަހީމް
އެޗްޕީއޭ ބަޔާން
މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި!
މިދިޔަ ޑިސެމްބަރު މަހު 558 ކޭސް ވަނީ ރިޕޯޓްކޮށްފައި
މިއަހަރުގެ ޖަނަވަރީ މަހު މި އަދަދު ވަނީ 504 އަށް ދަށްވެފައި

މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުން އަދަދު ވަނީ ދަށަށް ގޮސްފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 558 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 504 އަށް ދަށްވެފައި ކަމަށެވެ.

ހަފްތާ ނިސްބަތުން ބަލާއިރު 2018 ވަނަ އަހަރުގެ ފަހު ހަފްތާ ތެރޭގައި 165 ކޭސް ރިޕޯޓް ކޮށްފައިވާއިރު 2019 ވަނަ އަހަރު ޖެނުއަރީ މަހު ފަހު ހަފްތާ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 98 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެހެން ނަމަވެސް ވޭތިވެދިޔަ އަހަރު ތަކުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން ޑެންގީ އިން ރައްކާތެރިވުމުގެ ފުޔަވަޅުތައް އަޅަމުން ގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ ހުމުގެ އިތުރުން ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ކަމަށާއި މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 38 ކޭސް މާލޭ ސަރަހައްދުން ރިޕޯޓްކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހުޅުހުޅުގައި ރިއްސުން، ބައެއް ހުޅުހުޅު ދުޅަވުން އަދި ހަމުގައި ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. ޑެންގީ ފަދައިން ޗިކުންގުންޔާއަކީ ވެސް ވަކި ހާއްސަ ފަރުވާއެއް އޮތް ބައްޔެއް ނޫން ކަމުން ބަލިޖެހުމުން، ގިނައިން އަރާމު ކުރުމާއި ދިޔާއެއްޗިހި ބޭނުންކުރުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭރަށް ހިންގުން އިތުރުވެފައި ވީނަމަވެސް މިއަހަރު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ޑިސެމްބަރު މަހު 6230 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު މިއަދަދު ވަނީ 5500 އަށް ދަށްވެފައެވެ.

ހަފްތާގެ ނިސްބަތުން ބަލާއިރު 2018 ވަނަ އަހރުގެ ޑިސެމްބަރު މަހު ފަހު ހަފްތާގައި 2275 މީހުން ބޭރަށް ހިންގުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖެނުއަރީ 2019 ގެ ފަހު ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ 1301 މީހުންނެވެ. ނަމަވެސް ވޭތިވެދިޔަ އަހަރުތަކުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެން ކަމުން ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ، ފާނަ ބަސަންދު، ލޮލުރޯގާ، ހޭންޑް ފުޓް އެންޑް މައުތް ފަދަ ބަލިތައް މިއަހަރު ފުރަތަމަ މަހުގެ ތެރޭގައި އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް