ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށްޓަކައި ލޭބާ ސިސްޓަމަށް ރަގަޅު ބަަދަލުތަކެއް ގެނައުމުގެ އިތުރުން އިންވެސްޓްމެންޓް ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންސްޓްރަކްޝަން ދައިރާއަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑަށް ކުރިއަރުމުން އަންނަ ދައިރާ ކަަމަށެވެ. އެދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރު 8200 ޑޮލަރުގައި ހުރި އިރު ރައީސް ޔާމިންގެ އަމާޒަކީ 12،000 ޑޮލަރަށް ރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރު އިތުރު ކުރުން ކަމަށެވެ. މިކަން ކުރުމުގައި ކޮންސްޓްރަކްޝަން ދައިރާ އަށް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިކުރުވަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ކޮންމެ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް އެމީހަކަށް ރަަގަޅު އުޖޫރަރެއް ދިނުމުގެ މުހިއްމު ކަން މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން ދައިރާގައި ލޭބަރުންނަށް ގިނަ އަދަދެއްގެ ބިދޭސީން އުޅުނު ނަމަވެސް އެފަދަ މަސައްކަތްތަކަކީ ވެސް ދިވެހިންނަށް ވެސް ކުރެވޭނެ މަސައްކަތްތަކެކެވެ. އަދި ލޭބަރ ސިސްޓަމުގެ ކޯޓާ ރަގަޅު ކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވަނީ ކޮންމެ މަސައްކަތްތެއް ކުރިއެރުވުމުގައި ގައުމުގެ އަމަންއަމާންކަމުގެ މުހިއްމުކަން ފާހަަގަކުރައްވާފަ އެވެ. އަދިކޮންސްޓްރަކްޝަން ދައިރާގައި މަސައްކަތް ކުރާ މީހުން ވެސް އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ހިއްވަރު ނުދީ، ސަރުކާރާއެކު ގައުމުގެ ތަރައްގީގެ މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.