Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 21:53
އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް
އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް
ޓްވިޓަރ
ގައުމީ އެއާލައިން މޯލްޑިވިއަން
މޯލްޑިވިއަންގެ 25 އަށްވުރެ ގިނަ ޕައިލެޓުން މާދަމާ ޑިއުޓީއަށް ނުނިކުންނާނެ
ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ އަމީން އިސްތިއުފާ ދެއްވާ
ގިނަ ސޭފްޓީ މައްސަލަތައް އެބަހުރި
އޮޕަރޭޝަންތަކަށް ބުރޫ އަރާނެ

އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ 25 އަށްވުރެ ގިނަ ޕައިލެޓުންގެ ސޭފްޓީއާ މެދު އިހުމާލުވާތީ، މާދަމާ ޑިއުޓީއަށް ނުނިކުތުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންގައި މަސައްކަތްކުރާ ކެޕްޓަނެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މޯލްޑިވަންގައި މަސައްކަތް ކުރާ ގިނަ ޕައިލެޓުންނާއި މެދު އަމަލުކުރަނީ ވަރަށް ބޭއިންސާފުން ކަމަށާއި، ވަރަށް ގިނަ ސޭފްޓީ މައްސަލަތައް އެބަހުރި ކަމަށެވެ.

އޭނާ ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް ހައްލެއް ނާންނަ ކަމަށާއި، ދަށު ރޭންކުތަކުގައި ތިބި ޕައިލެޓުންނާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

އެގޮތުން ގިނަ ޕައިލެޓުންނާމެދު ކަންތައްތައް ކުރަނީ ވަރަށް ބޭއިންސާފުން ކަމަށްވާތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ޑިއުޓީ އަށް ނުނިކުތުމަށް 25 އަށްވުރެ ގިނަ ޕައިލެޓުން ނިންމާފައިވާ ކަމަށެވެ. އަދި މިއަދަދު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ބުނީ ސިވިލް އޭވިއޭޝަންގެ ގަވާއިދުން މެކްސިމަމް ޑިއުޓީ އަކީ 7 ދުވަސް ކަމަށެވެ. ނަމަވެސް މިއުސޫލު ވެސް ދައިމީ އުސޫލަކަށް ހަދާފައިވާ ކަމަށެވެ.

'' އެމެޖެންސީ ހާލަތެއްގަ މެކްސިމަމް ޑިއުޓީ ކުރަންޖެހޭނީ. ވަރުބަލިވާނެ އަބަދު މިހެން އުޅެންޏާ. ސޭފްޓީއެއް ވެސް ނުވާނެ. މިހާރު މިއުސޫލު ދާއިމީ އުސޫލަކަށް ހަދާފަ'' ކެޕްޓަން ބުންޏެވެ.

ނަން ހާމަ ނުކުރަން އެދި ވާހަކަ ދެއްކި ކެޕްޓަން ބުނީ، ޕައިލެޓުންގެ ޑިމާންޑަކީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރުން ކަމަށާއި، މިއަދާ ހަމައަށް ގެންދިޔަ އެއްވެސް މައްސަލައަކަށް އޭނާ ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި ކޮންމެ މައްސަލައެއް ވެސް އޭނާ ސިޔާސީ ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިމައްސަލަތަކަށް ހައްލު ނުލިބެނީސް ޑިއުޓީއަށް ނުނިކުންނާނެ ކަމަށާއި، އޮޕަރޭޝަންތަކަށް ބުރޫ އަރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކަކީ ގިނަ ދިވެހިންނާއި، ފަތުރުވެރިން ދަތުރުފަތުރު ކުރުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ކުންފުންޏެވެ. ނަމަވެސް މިމައްސަލައާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް