Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 18:41
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރައީސްގެ ލަންކާ ދަތުރުފުޅު
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އޭޕްރީލްއިން ފެށިގެން ލިބޭނެ: ރައީސް ސޯލިހް
ސްރީލަންކާގައި  12000 ހާހަށްވުރެން ގިނަ ދިވެހިން ދިރިއުޅޭ

އަންނަ އޭޕްރީލްމަހުގެ 1ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް ޝަރަފުވެރި ކޮއްދެއްވުމަށް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް އާދިއްތަ ދުވަހު ހަވީރު ލަންކާގެ ދިވެހި އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމު ރައީސް ސޯލިހު ވިދާޅުވީ، ސްރީލަންކާގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ސްރީލަންކާގައި 12،000 އަށްވުރެ ގިނަ ދިވެހިން އުޅޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން 7000 މީހުންނަކީ ސްޓޫޑެންޓް ވިސާގައި ދިރިއުޅޭ ފަރާތްތަށް ކަމަށެވެ. އަދި ޕްރީ ސްކޫލުން ފެށިގެން، މަތީ ތައުލީމާއި ހަމައަށް ދިވެހިން ލަންކާގައި ތައުލީމް ހާސިލް ކުރަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިން އެދިފައިވާ ގޮތަށް ސްޓޫޑެންޓް ލޯނުގައި ލުއިތައް ހިމަނައި، މިހާރު ހުރިހާ ދަރިވަރުންނަށްވެސް އެކަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ބެނުން ހެޔޮގޮތުގައި ކޮށް ޒިއްމާދާރުކަމާއި ރިވެތި އަޚުލާގުގެ މަތީގައި އުޅުމަށް ރައީސް ވަނީ ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް ގޮވާލައްވާފައެވެ.

އެގޮތުން ޒަމާނުއްސުރެން ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ރީތި އާދަކާދަތަށް އެގޮތުގައި ދެމެހެއްޓުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ލަންކާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ މިދިޔަ މަހު ލަންކާއަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް