މާލޭގެ މަގުތަކުގައި ހުރި ޖަންގުޝަންތަކުން މަގުތަކަށް ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދަނިކޮށް މާލޭގެ ނަރުދަމާ ނިޒާމުގެ ޑީވޯޓަރިން މަސައްކަތް ކުރުމުން ކަމަށާއި އެކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
މަސީން އިސްނަގައިގެން ކޮންސްޓްރަކްޝަން ދައިރާގައި ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ބޭއްވި ސެމިނަރގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި ނަޖިސް ބޭރުވުމުގެ މައްސަލަތައް ދިމާވުމާ ގުޅިގެން އެކަން ހައްލު ކުރުމަށްޓަކާ އެމްޑަބްލިއުއެސްސީއާ އެކު ވާހަކަދެކެވިފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލު ކުރުމަށްޓަކާ ޑީވޯޓަރިންގެ މަސައްކަތް ކުރުމަށް ބޭނުން ކުރާނެ އާ ސިސްޓަމެއް ބޭނުންވާ ކަން އެފަރާތުން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެެވެ. އެ ސިސްޓަމް ގާއިމް ކުރުމަށްޓަކާ ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދޭތެރެއިން ޕޭމެންޓް މަތީގަ އާއި މަގުތަކުގައި ހޮނިތައް އެޅިގެން ދިޔަ ނަރުދަމާގެ ބޭރުން ޑީވޯޓަރިން މަސައްކަތް ކުރުމަށް. އެހެން ނަމަވެސް އެކަމުން ގެއްލުން ލިބުނީ އާއްމު ރައްޔިތުންނަށް، އެހޮޅީގައި ފައި އަޅައިގަނެ، ވެއްޓޭގޮތް ދިމާވޭ، މަގުތަކުގައި ހިނގުމަށް ދަތިވެގެންދިޔަ. އަދި މިކަމަށް ސެނިމަރގެ ތެރެއިން މިއީ އީޖާދީ ހައްލުތަކެއް ބޭނުންވެފައިވާ މައްސަލައެއް" ޑރ މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި މިކަމަށް ދައިމީ ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، މާލޭގެ ނަރުދަމާގެ ނިޒާމަކީ 1985 ވަނަ އަހަރުގައި ގާއިމް ކުރެވިފައިވާ ނިޒާމަކަށް ވާއިރު އެ ނިޒާމަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ޑީވޯޓަރިން މަސައްކަތް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް ނޫން ކަމަށެވެ.
އެގޮތުން ޑީވޯޓަރިންގެ މަސައްކަތްތައް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކުރުމުގެ ސަބަބުން މާލޭގެ ނަރުދަމާ ނިޒާމު އިތުރަށް ބާރު ބޮޑުވެ، ނަޖިސްބޭރުވުމަށް މެދުވެރިވީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، މިކަން މިވަގުތަށް ހައްލު ކުރުމަށްޓަކައި، މިހާރު ކުރިއަށްދާ ޑީވޯޓަރިން މަސައްކަތް ފިޔަވާ އިތުރު އެއްވެސް ޑީވޯޓަރިން މަސައްކަތެއް ނަރުދަމާގެ ތެރެއިން ކުރުމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ތޯރިގް ވަނީ ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމުގައި ތިމާވެށީގެ މައްސަލަތަކަށް ވިސްނައިގެން ކަންކަން ކުރުމަށް ގޮވާލާފަ އެވެ. ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ތިމާވެށީގެ އެސެސްމެންޓް ހަދާ އިރު މަސައްކަތްތައް ރޭވުމުގައި ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވި އެވެ.
"އީއައިއޭ އާ އެއްގޮތަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ރާއްޖޭގައި 11 ވަރަކަށް އަހަރު ވެއްޖެ އީއައިއޭ ހަދައިގެން މަޝްރޫއުތައް ހިންގަންޖެހޭ ގޮތަށް ކަނޑައެޅިފައިވާތާ. މިކަމުގެ ސަބަބުން ރާއްޖޭގައި މަޝްރޫއުތައް ހިންގުމުގައި ތިމާވެށީގެ ބޮޑެތި މައްސަލަތައް ދިމާ ނުވަނީ" ތޯރިގް ވިދާޅުވި އެވެ.
މިނިސްޓަރ ތޯރިގް ވަނީ ތިމާވެށީގެ އެސެސްމެންޓެއް ނެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ