Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 05:50
އަބްދުލްއަލީމް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
އަބްދުލްއަލީމް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
އެމްއާރްއެމް
މައުމޫނުގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ވާދަކުރާނެ: އަލީމް
ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ 108 ފަރާތަކުން
ފަސް އަންހެން ބޭފުޅުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް މައުމޫން އަލަށް އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް އަލީމް ވިދާޅުވެއްޖެ އެވެ. 

ރައީސް މައުމޫން އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާންކޮށްފައި ބުރާސްފަތި ދުވަހުއެވެ.

ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަފައިވާ އަލީމް، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވިދާޅުވީ މައުމޫނުގެ ތާއިދާ އެކު މަޖިލީހަށް ކުރިމަތިލާން 108 ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކާއި އެކު އިންޓަވިއުކޮށް ނިމިފައިވާ ކަމަށެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނުގެ ތާއިދާއެކު މަޖިލީހަށް ނުކުންނަވާ ފަރާތްތަކުގެ އަދަދު އާދިއްތަ ދުވަހު ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، ފަލަސުރުޚީ ޕްރޮގްރާމްގައި އަލީމް ވިދާޅުވީ މައުމޫނުގެ ތާއިދާއެކު 32 ދާއިރާ އަކަށް ބޭފުޅުން ވާދަކުރަން ފައިނަލްކޮށް އެ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ބައެއްކަން އަދި އިއުލާނެއް ނުކުރެ އެވެ. 

ކެނޑިޑޭޓުންނަށް ޓިކެޓް ދިނުމުގައި ބަލާފައި ވަނީ ތައުލީމީ ފެންވަރާއި، އަމަލީ ތަޖުރިބާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށްޓަކައި މަސައްކަތްކޮށްފައިވާ މިންވަރު ކަމަށް އަލީމް ވިދާޅުވިއެވެ.

އެ ފަރާތްތައް ޝޯޓް ލިސްޓް ކޮށްފައި ވަނީ އެ ދާއިރާގެ ރައްޔިތުންނާއިއެކު މަޝްވަރާތަކެއް ކޮށްގެން ކަމަށް އަލީމް ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ތާއިދާއެކު ފަސް އަންހެން ބޭފުޅުން މަޖިލީހަށް ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އަންހެން ބޭފުޅުންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުމޫންގެ އާ ސިޔާސީ ޕާޓީ، އެމްއާރްއެމް އުފެއްދުމަށްޓަކއި އިލެކްޝަން ކޮމިޝަނަށް ވަރަށް އަވަހަށް ފޯމް ހުށައަޅާނެ ކަމަށް އަލީމް ވިދާޅުވި އެވެ.

 ''އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ލަސްވެގެން ހޯމަ ދުވަހު އިލެކްޝަން ކޮމިޝަން އަށް ޕާޓީއެއް ހެދުމުގެ ހުއްދަ އަށް އެދި ފޯމް ހުށައަޅާނަން. ފޯމް ހުށައެޅުމަށް ފަހު އީސީން ހުއްދަ ދޭ ދުވަހުން ފެށިގެން އަޅުގަނޑުމެން ޕާޓީ އަށް މެމްބަރުން ވެއްދުމަށްޓަކައި ފޯމް ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ... އަޅުގަނޑަށް ގަބޫލް ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އާއި އެއްކޮށް އަޅުގަނޑުމެންގެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ،''  އަލީމް ވިދާޅުވިއެވެ. 

މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވިއެވެ. ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވިއެވެ.

މަޖިލީސް އިންތިހާބުގެ ފޯރި ގަދަވަމުންދާ ދުވަސްވަރު ގިނަ ސިޔާސީ ޕާޓީ ތަކުން ވަނީ އެޕާޓީ ތަކުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށްފައެވެ. ބައެއް ޕަޓީތަކުން ދަނީ މަޖިލީސް އިންތިހާބަށް ކުރިމަތިލުމަށްޓަކައި އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހަދަމުންނެވެ. އެގޮތުން ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ތެރެއިން އަލަށް ވުޖޫދަށް އައި ޕީއެންސީ އާއި އެކު ކޯލިޝަން ހަދާފައެވެ.

މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް އިދިކޮޅު ޕާޓީތަކާއި އެކު މަޖިލީސް އިންތިހާބަށް ވާދަކުރަން ކޯލިޝަން ހަދާފާނެ ކަމުގެ އިޝަރާތެއް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ  ދާދި ފަހުން ދެއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް